132 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ޗައިނާގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ޗައިނާ އީސްޓާންގެ ބޯތުން ދަތުރުކުރި ބައެއް މީހުންގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވާ ކަމަށް، ޗައިނާގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ރަސްމީ ކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ދިރިހުރި ކަމުގެ ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.
ޗައިނާގެ ދެކުނުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓު ކުއްލި ގޮތަކަށް އޮލަނބަށް ތިރިއަށް ޖެހި، ވެއްޓެން މެދުވެރިވި ސަބަބެއް، ކަމާ ބެހޭ ފަރާތްތަކަށް އަދިވެސް ނުހޯދެއެވެ. ނަމަވެސް ކޮކްޕިޓް ވޮއިސް ރެކޯޑާ ނުވަތަ ކަޅު ފެނިފައި އޮތުމުން، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވުމުގެ އުއްމީދު ވަނީ އާވެފައެވެ.
ބޯޓު ވެއްޓުނީ 3 ފަރާތުން ފަރުބަދަ ހުރި ސަރަހައްދަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ބޯޓު ވެއްޓުނު ސަރަހައްދު އޮތް ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން، ސާޗް ޓީމުތަކުގެ މަސައްކަތަށް ހުރަސް އެޅެމުން ދާ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެތައް ސަތޭކެ މެންބަރުންގެ މައްޗަށް އެކުލެވޭ ރެސްކިއު ޓީމުތަކާ ވޮލަންޓިއަރުން ވަނީ ބޯޓުގެ އެކި ބައިތަކުގެ އިތުރުން އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއްވެސް އެއްކޮށްފައެވެ. އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވަނީ އަނދާފައި ކަމަށްވެސް ހަބަރު ލިބެއެވެ.
މިހާތަނަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަކަށް ނުވަތަ ވެށީގެ ގޮތުން މައްސަލަތަކެއް ކުރިމަތިވި ކަމަކަށް ހާމަވާކަށް ނެތެވެ.
123 ފަސެންޖަރުންނާއި 9 ކުރޫއިންނާއެކު ކުންމިންގްއިން ފުރައިގެން ގުއާންގްޝޫއަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ޗައިނާ އީސްޓާންގެ މަތިންދާބޯޓަކީ އޮޕަރޭޝަންތަކުގައި ބޭނުންކުރާތާ 7 އަހަރުވެސް ނުވާ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. ވެއްޓުނު ބޯޓަކީ ބޮއިންގް 737-800 މަރުކާގެ މަތިންދާބޯޓަކަށް ވާއިރު، ބައެއް އެއާލައިންތަކުން ވަނީ އެ މޮޑެލްގެ ބޯޓުތައް ސާވޭލަންސްއަށް ލާފައެވެ.