ރާއްޖޭގެ ޑިމޮކްރަސީގެ "ބައްޕަ" ކަމަށް ދައުވާ ކުރަމުން އަންނަ އެމްޑީޕީއަށް 16 އަހަރު ފުރިފައި ވާއިރު ކެމްޕެއިން ކުރުމުގެ އުސޫލު އޮޅި ވާދަވެރިކަމުގެ ރީތި ސިފަ ނުފެންނަކަން އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނުން އަންނަނީ ފެންނަމުނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުތަކުގައި، އެހެން ސިޔާސީ ޕާޓީތަކާ ވާދަކުރާއިރު ނުފެންނަ ފަދަ ފޯރިއެއް އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ކުރަމުން އަންނަ ކެންޕެއިނުން ދަނީ ފެންނަމުންނެވެ.
އިލެކްޝަން ކޮމިޝަނުގައި މިދިޔަ މަހުގެ 15ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބީ 54،782 މީހުން ކަމަށް ވިޔަސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން 94،214 މެމްބަރުން އެބަތިއްބެވެ.
އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް އެތެރޭގެ ދަފްރަތުގައި އޮތް ވާހަކަ ދައްކާކަށް ނެތީމެވެ.
އެމްޑީޕީގެ ހިތާއި ފިތް ފެޅުން!
އެމްޑީޕީ އުފެދުނީންސުރެ އެ ޕާޓީގެ "ހިތް" ކަމަށް ދެކިގެން އައީ މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީ އަބަދުވެސް ހިނގަމުން އައީ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށެވެ. މީގެކުރިން، އެ ނޫން މަގެއް، ފިކުރެއް، އެ ޕާޓީގައި އުފަން ވިޔަކަ ނުދެއެވެ. އެހެންނަމަވެސް އެމްޑީޕީގެ ތަގުދީރު ބަދަލުކޮށްލީ 2018 ވަނަ އަހަރު ގެނައި މަޖުބޫރީ ހާލަތެވެ.
އެމްޑީޕީގެ އެތެރޭގައި ނިޒާމުގެ "ކޯޅުން" ވެސް ބޮޑުވި ދުވަސްވަރެއް އައެެވެ. ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ރައީސް ނަޝީދު ކުރައްވާ އުންމީދެކެވެ. އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ޕެޓިޝަނެއް ހަދާ ގިނަ އަދަދެއްގެ ސޮއިވެސް ހަމަކުރިއެވެ.
އެ ޕާޓީ، ދެ ނިޒާމަށް ބައިވެ، ޕާޓީގެ ދެ ރައީސުން ކަމަށްވާ ރައީސް ނަޝީދަށާއި ރައީސް ސޯލިހަށް ޕާޓީ ބެހިއްޖެއެވެ. ޗެއާޕާސަން އިންތިހާބުގައި އެ ދެ ޕެކްޝަން އޮތީ ހަމަ އެގޮތަށެވެ. އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ރައީސް ސޯލިހްގެ ކެބިނެޓްގައި ހިމެނޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. އެ ދެ ބޭފުޅުންވެސް ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ގެންދަވަނީ ކުރައްވަމުންނެވެ. އެމްޑީޕީ "ހިންގާލަން" ޝިއާރާއެކު ފައްޒާރު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިންތިޔާޒު ގެންދަވަނީ "އިންތިއާއެކު" ޝިއާރުގައި ކެމްފެއިން ކުރައްވަމުންނެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ޕާޓީގެ އިސް އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކާއި ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ފެންނަނީ ފައްޔާޒުގެ ކޭމްޕުންނެވެ. އެހެންނަމަވެސް ތާރީހަށް ބަލާއިރު، އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި ބޭފުޅުންނަކީ ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި އެ ޕާޓީގެ ފައުންޑާ މެމްބަރު މުހައްމަދު ލަތީފު (ގޯގޯ) އާއި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެންމެ ފަހުން އެ މަގާމު އަދާކުރެއްވި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަކީ ނަޝީދުގެ ރުހުމާއެކު އެ މަގާމަށް ވަޑައިގަތް ބޭފުޅުންނެވެ.
އިމްތިޔާޒުއާއެކު ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނެވެ. ދެން އެމަނިކުފާނަށް އެންމެ ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގައި ތިއްބެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް ފަދަ ބޭފުޅުން ހިމެނެއެވެ.
އެ ދެ ކެންޑިޑޭޓުންވެސް ގެންދަވަނީ އެމްޑީޕީގެ ކަންކަން ރަނގަޅުކޮށް ދެއްވާނެ ކަމަށް ވިދާޅުވެ ވައުދުތައް ވެ ވަދައިގަންނަވަމުންނެވެ. މައިގަނޑު 4 ވައުދެއް ހިމަނާ އިންތިޔާޒު ވަނީ އޭނާގެ ވައުދުތަކުގެ މެނިފެސްޓޯއެއްވެސް ނެރުއްވާފައެވެ.
އިންތިހާބު ބާއްވާނެ ތާރީހާ މެދު ދެބަސްވެ، އެންމެ ފަހުން މި މަހުގެ 8 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން ވަނީ މި އިންތިހާބާ ގުޅިގެން ހޫނުވެ، ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. ޕާޓީގެ އުސޫލުތަކާއި ހިލާފުވާކަމަށް އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ތުހުމަތުކޮށް ވަގަށް ވެސް ވަނީ ގޮވާފައެވެ. ތާރީހު ފަސްކޮށްދިނުމަށް ފައްޔާޒު އެދިވަޑައިގަތީ ފުރަތަމަ އިންތިހާބު ބާއްވަން ނިންމި މިމަހުގެ 16 ވަނަ ދުވަސް ރޯދަމަހުގެ ދުވަހަކަށް ވުމުން ކަމަށް ވިދާޅުވެއެވެ. މިކަމާ އިމްތިޔާޒުގެ ޓީމުން ވަނީ އިންތިހާބީ ތާރީހު އެންމެ ދުވަހަކަށްވެސް ފަސްކުރަން ފުުރުސަތު ނުދޭނެ ކަމަށާއި އެއީ އިދިކޮޅު ޕީޕީއެމް ވަންތަ ސިފައެއް ކަމަށް ބުނެފައެވެ. އަދި އިންތިހާބުގެ ތާރީހާ ކުޅެން މަސައްކަތް ކުރަނީ ވޯޓް ހަރާބުކޮށް ގަޑުބަޑުކުރުމަށް ކަމަށްވެސް ތުހުމަތުވެސް އެ މީހުން ވަނީ ކޮށްފައެވެ. އަދި ފުރަތަމަ ތާރީހު ހޯދި އިރުވެސް، އެއީ ރޯދަ މަހުގެ ދުވަހެއްކަން އެނގޭ ކަމަށް ބުނެ ބަހުގެ ހަމަލާތައް ހޫނުކޮށް ދިޔައެވެ.
ކުރަމުން އަންނަ ތުހުމަތުތަކާއި ބަހުގެ ހަމަލާތައް
މި އިންތިހާބުގައި އެމްޑީޕީގެ ޖަލްސާތަކުގެ އިތުރުން މަޖިލީހާއި ސޯސަލް މީޑިއާގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ދެބައި މީހުން ފާޑުކިޔައި، "ހެކް ކުރެވިގެން ޓްވީޓްކޮށް" ޑިލީޓް ކުރުންވެސް ވަނީ އާއްމު ކަމަކަށް ވެފައެވެ. ވަޒީފާގެ ބިރު ބޮޑުވެ މީހުން ވަޒީފާއިން ވަކިކުރުން އާއްމުވެ، މަޝްރޫއުތަކުގެ "ސްޕީޑް" ދެގުނައަށް ކުރިއަށް ޖައްސައިފިއެވެ. ށ. ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަނުގައިވެސް ކުޅުނު "ކުޅި އަކީ" މިއެވެ. މީގެ އިތުރުން ފައްޔާޒަށް ތާއީދު ނުކުރާ ފަރާތްތައް މަގާމުތަކުން ވަކި ކުރަމުންދާ ކަމުގެ ތުހުމަތާއެކު އިމްތިޔާޒްގެ ޓީމުންމަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. އެގޮތުން އެ ފެކްޝަނުން ވަނީ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ވަކިކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އެ މައްސަލައިގައި ރައީސް ނަޝީދު ވަނީ ބަހުގެ ހަމަލާތެއް ފެނަކައިގެ އެމްޑީ އަހުމަދު ސައީދަށް ވެސް އަމާޒު ކުރައްވާފައެވެ.
ރައީސް ނަޝީދު އެ ޕާޓީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެ ފެކްޝަނުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
މީގެ އިތުރުން އެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ މަޖިލީހުގެ ބައެއް މެންބަރުން އެކަން ޖޯކަކަށް ހައްދަވައިގެން ހީސަމާސާ ކޮށް ހެއްދެވި ކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.
ނަޝީދުގެ ފެކްޝަނުގެ އިތުރުން، ރައީސް ސޯލިހުގެ ފެކްޝަނުންވެސް ދުލެއް ނުދެއެވެ. އެ ފެކްޝަންގެ ކެންޑިޑޭޓް ފައްޔާޒު، ގައުމީ މަޖިލީސް ޖަލްސާގައި ވިދާޅުވީ އަސްލު "ބްރޯ" އަކީ ކާކުކަން، އެންމެހާ ދިވެހި ރައްޔިތުންނަށް ސާފުވާ ކަމަށާއި އާންމު މެންބަރުންނަށް ފޯނު ކުރައްވައިގެން އެމްޑީޕީން ބޭރުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ޕާޓީގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަނީ ކާކުކަން ނޯޅޭ ކަމަށެވެ. އެއީ ސީދާ ރައީސް ނަޝީދަށް އެއްލެވި ގާބުރިއެއްކަމަށް އެންމެން ގަބޫލު ކުރެއެވެ.
އޮޅިގެން "ހިންގާލާ" ޓްވީޓް ތަކާއި ޑްރާމާ!
ފައްޔާޒު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 60 ރަށަށް ވަޑައިގެންނެވުނު އިރު އެމްޑީޕީގެ ޖަހަގައެއް އެއިން އެއްވެސް ރަށެއްގައި ނުހިނގާ ކަމަށާއި މިދިޔަ 16 އަހަރު އެކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުން މިއަދުވެސް އިންތިހާބަށް ނިކުމެ އެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އިމްތިޔާޒުގެ ފެކްޝަނަށް ހަމަލާތައް އަމާޒު ކުރައްވާފައެވެ. އެއީ ފެއިލްވެފައިވާ ބޭފުޅުން ކަމަށް ސިފަކުރައްވާ ފައްޔާޒު ވަނީ ބަދަލެއް ތަޖުރިބާކޮށް "ހިންގާލަން" ފުރުސަތު ދޭން އެދިވަޑައިގެންފައެވެ.
ބަހުގެ ހަމަލާ އިތުރަށް ހޫނުވެގެން ދިޔައީ ރައީސް އޮފީހުގެ ރަސްމީ ޓްވީޓާ އެކައުންޓަށް ފައްޔާޒުގެ ކެމްޕެއިނާ ގުޅިގެން ކުރި ޓްވީޓެއް ރީ ޓްވީޓް ކުރި ހިސާބުންނެވެ. އަދި ދާދިފަހުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލް (ލޫކަސް) ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ރައްދު ދެއްވިއެވެ. އަދި ނުވެގެން އުޅެނީ ކޮންކަމެއްތޯ އާއި ވަޒީރުކަމުގައި ފައްޔާޒު ހުންނެވީ އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތްތަކެއް ކޮށްގެން އިންތިހާބުތަކެއް ކާމިޔާބު ކުރުމުން ވިދާޅުވެއެވެ.
އެކަމަށް ރައްދު ދެއްވާ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުގައި ވަނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތްޕުޅުން ނޫން ކަމަށް ވިދާޅުވެ "ކުރުދޮށިން" ދީފައެވެ.
އޭގެ އިރުކޮޅެއްފަހުން އެ ޓްވީޓް ޑިލީޓްކޮށްލައްވައި އަލީ ޒާހިރު ވަނީ އޭނާގެ އެކައުންޓް ހެކްކުރީ ކަމަށް ވިދާޅުވެފައެވެ. އެކަމާ ރައީސް ނަޝީދު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަނީ އަލީ ޒާހިރާއި ސަރުކާރަށް "ފަސް ފަހެތިން" ދީފައެވެ.
އުނގޫފާރު ދާއިރާގެ ވަހީދު ވިދާޅުވީ މިކަމުގައި ރައީސް އޮފީސް އެކައުންޓުތަކުން ވެސް އޮޅިގެން ޓްވީޓް ކުރެވެނީ ކަމަށާއި ޗީފް އޮފް ސްޓާފަށް ވެސް އޮޅިގެން ޓްވީޓް ކުރެއްވެނީ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި "އޮޅިގެން މުޅި ދައުލަތް ބޭނުން ކުރެވެނީ" ކަމަށާއި އެހެން ނުހެދުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.
މީގެއިތުރުން ހަސަން ލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރާ ނުރަނގަޅު ކަންކަން މަތި ޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ގެންދިޔުމުން މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމަށެވެ.
މީގެއިތުރުން މިކަމާ ގުޅިގެން އީވާ ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި މިކަމާ އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މަޑަވެލި ދާއިރާގެ ހުސައިން ފިރުޝާން ވަނީ އެ ކޯލިޝަނުން އުޅެނީ އެމްޑީޕީ ހެކްކޮށްލާ ހިންދާލަން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން ހެކަރު ޓްވީޓުތައް ޑިލީޓް ކޮށްލީ ކީއްވެތޯ އައްސަވާ ފިރުޝާން ވަނީ ހަގީގަތް އޮޅުވާލަން އުޅުނަސް ބޮޑުވަރު ކަމަށް ވިދާޅުވެފައެވެ.
ބޮޑު މަންޒަރު
އެމްޑީޕީގެ ތެރޭގައި ކުޅެމުން އަންނަ "ޑްރާމާ" އެހެން ޕާޓީތަކުން ހެވިފައި ބަލަމުން އަންނައިރު ރައީސް މައުމޫންގެ ޑީއާރްޕީއަށް ޖެހުނު ހާލު އެމްޑީޕީވެސް ޖެހޭނެ ކަމަށް ސިޔާސީ ދާއިރާ ދިރާސާކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ދިފާއު ކުރަން ފައްޔާޒާއި އިންތި "ތަށްޓަށް" ހިފާފައި ވާއިރު، ފައްޔާޒު ހިންގާލާ ކެމްޕެއިނަކީ، ރައީސް ނަޝީދު ޕާޓީން "ކޯނާ" ވެ "ސައިޒް" ވާނެ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ. އެހެނީ، ރާއްޖޭގައި ވޯޓު ކޮންޓްރޯލް ކުރާ ގޮތަށް ބަލާއިރު އަދި އެމްޑީޕީގެ އާންމު މެންބަރުން ދައްކާފައިވާ ނަތީޖާއަށް ބަލާއިރު، ފައްޔާޒު ނުކުންނަވައި ރައީސް ނަޝީދު ބަލި ކުރެއްވުމަކީ "ދެން ބޮޑު ލަދެއް" އެވެ.
ހަމައެހެންމެ މިހާތަނަށް، އެމްޑީޕީގެ އާންމު މެންބަރުންގެ ރޫހު ހުރި ގޮތަށް ބުރަވާއިރު، ފައްޔާޒު ފަހަތުގައި ބައި ގިނަޔަސް، އިންތި އަށް ކާމިޔާބު ވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. އިންތިއަށް ޗެއާޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ، އެއީ، ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ކަށަވަރު ވުމެވެ.