ހއ. އުލިގަމަށް އަންނަ ޔޮޓްތަކާއި އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ ސަރަހައްދުގައި ހަތިޔާރު ގުދަން ކުރަން ރައީސް އަބްދުﷲ ޔާމީން ނިންމެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިވާހަކަފުޅު ނަޝީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓުތައް ބަނދަރު ކުރަން ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ ތަސައްވުރުގެ އަމަލީ މަސައްކަތާ ގުޅޭ ގަރާރު އިގްތިސާދީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގެ ބަހުސްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ވާހަކައަކާ ގުޅިގެންނެވެ. ސައީދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ ބަނދަރުގެ ނަމުގައި އިންޑިއާގެ ހަތިޔާރު ގުދަން ކުރުމުގެ މަސައްކަތެއް ކަމަށެވެ.
ސައީދުގެ ވާހަކަ ހުއްޓުވާ ރައީސް ނަޝީދު ވަނީ ހއ. އުލިގަމުގައި ހަތިޔާރު ބަހައްޓައި ގުދަން ކުރަން ނިންމައި އެގްރިމެންްޓެއްގައި ސޮއި ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކަމަށެވެ.
ސައީދަށް ދެން ފުރުސަތު ދެއްވުމުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އެ އެެއްބަސްވުން އޮތް ކަމަށް ވިދާޅުވެ ނަޝީދުގެ ވާހަކަފުޅު ދިފާއު ކުރައްވާފައެވެ.
ސައީދު ވަނީ އެފަދަ އެއްބަސްވުމެއް އޮތް ނަމަ، ހާމަ ކުރުމަށް ގޮވާލައްވައި އެއީ ހުސް ދޮގު ކަމަށް ވިދާޅުވެފައެވެ.
މިއަދު ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ވިދާޅުވި އިރު، އުލިގަމު ސަރަހައްދުގައި ހަތިޔާރު ގުދަން ކުރާވަހަކަ ތިލަވި މިއީ ފުރަތަމަ ފަހަރެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި، އެމީހުން ގާއިމުވެ ތިބޭ ތަންތާނގައި ތިބެނީ ހަތިޔާރާ އެކު ކަމަށާއި، އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ގިނަ ސުވާލުތައް އުފެދި މަޖިލީހުގެ ކޮމެޓީތަކަށް ސަލާމަތީ ހިދުމަތްތައް އެތައް ފަހަރަކު ހާޒިރުކޮށް ހަދާފައި ވާއިރުވެސް މިފަދަ ވާހަކައެއް އާންމު ވެފައެއް ނުވެއެވެ.