132 މީހުންނާއެކު ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންގްޒޫއަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި، ޗައިނާ އީސްޓާންގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން، އިންޑިއާގެ އެއާލައިންތަކުގައި ބޭނުން ކުރާ ބޮއިންގް 737 މަރުކާގެ މަތިންދާބޯޓުތަކުގެ ކަންކަން ގާތުން ބެލުމަށް ނިންމާފައި ވާ ކަމަށް އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިޔާ އަރޫން ކުމާރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެއާލައިންތަކެއް ކަމަށް ވާ ސްޕައިސްޖެޓް، އިސްޓާރާ އަދި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލީޓްގައި، ބޮއިންގް 737 މަރުކާގެ މަތިންދާބޯޓުތައް ބޭނުން ކުރެއެވެ.

ޗައިނާގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އިންޑިއާއިން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުމާރު ވިދާޅުވީ، މަތިންދާބޯޓުތަކުގެ ރައްކާތެރިކަމަކީ ސީރިއަސް ކަމެއް ކަމަށާ، ހާލަތު ދިރާސާ ކުރަމުން ދާ ކަމަށެވެ. ވަގުތީ ފިޔަވަޅެއްގެ ގޮތުން 737ގެ ފްލީޓްގެ ސާވޭލަންސް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައި ވާ ކަމަށް ކުމާރު ވިދާޅުވިއެވެ.

ޗައިނާ އީސްޓާންގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން، ޗައިނާގެ ބޮޑެތި އެއާލައިންތަކުން ވަނީ، އެ އެއާލައިންތަކުގައި ބޭނުން ކުރަމުންދާ ބޮއިންގް 737-800 މަރުކާގެ ބޯޓުތައް ގްރައުންޑް ކޮށްފައެވެ.

123 ފަސެންޖަރުންނާއި 9 ކުރޫއިންނާއެކު ދަތުރު ކުރަމުން ދިޔަ ޗައިނާ އީސްޓާންގެ ފްލައިޓް ވެއްޓުނު އިރު އޭގައި އެއްވެސް ބިދޭސީއަކު ނެތް ކަމަށް ހަބަރު ލިބެއެވެ. ހޯމަ ދުވަހުގެ ހާދިސާއާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ.