ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ކާބޯތަކެތި ލިބުން ދަތިވުމުގެ ކާރިސާ ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ އިންޒާރު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ (އެޗްއާރްޑަބްލިއު) އިން ދީފިއެވެ.

ޔޫކްރައިންއާއި ރަޝިއާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދަށް ފުޅާ ދާއިރާއެއްގައި، ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރަމުން ދާ ދެ ގައުމުކަން ފާހަހަގަކޮށް، އެޗްއާރްޑަބްލިއުއިން ބުނީ، ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗޭނަށް ހުރަސްތަކެއް ކުރިމަތިވެ، ކާބޯތަކެތީގެ އަގުތައް މިހާރުވެސް އުފުލެން ފަށާފައި ވާ ކަމަށެވެ. އަދި އިންތިހާ ފަގީރުކަން އިހުނަށް ވުރެ ބޮޑުވަމުން އަންނަ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ފާހަގަ ކޮށްފައެވެ.

ޔޫކްރަައިންގެ ވެރިރަށް ކިއޭވްގެ ރަށްފުށު ސަރަހައްދުތައް ސުންނާފަތި ކޮށްލާފައި ވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް / ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

ހިއުމަން ރައިޓްސް ވޮޗްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުގެ ޑައިރެކްޓަރު، ލަމާ ފާކިހު ވިދާޅުވީ ކާރިސާގެ ވަގުތަކީ، ދުނިޔޭގޭ ކާބޯތަކެތީގެ ޗޭނަށް، ބައިނަލްއަގުވާމީ އެއްބައިވަންތަކަން ބޭނުން ވާ ވަގުތެއް ކަމަށެވެ. ސަޕްލައިގެ އިތުރުން އަގުތަކާ މެދު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޔޫކްރައިންގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން، ދުނިޔޭގެ ކާބޯތަކެތީގެ ކާރިސާ އިތުރަށް ގޯސްވެގެން ދާނެ ކަމަށާ، ވަކިން ހާއްސަކޮށް، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދަށް މިކަން ބޮޑު ވާނެ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ އޮފިޝަލު ވިދާޅުވިއެވެ.

ސަޕްލައި ޗޭނުގެ މައްސަލަތައް ހައްލު ކުރި ކަމުގައި ވީ ނަމަވެސް މި ކަން ދިގުލައި ހިނގައިދާނެ ކަމަށާ، އެހެނީ ހަނގުރާމައިން ސަލާމަތް ވުމަށް، ދަނޑުވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލު ވުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން އުމްރާނީ ތަރައްގީއާއި އާލާތްތަކަށް ގެއްލުން ވަމުން ދިއުން ކަން ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަ ކުރެއެވެ.

ޔަމަނުގެ އަންހެނަކު، އޭނާގެ ބަނޑަށް ޖެހިފައިވާ ދަރިފުޅު އުރާލައިގެން/ފޮޓޯ: ސޭވް ދަ ޗިލްޑްރަން

ރަޝިއާ ސިފައިން، ފުރިހަމަ އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މާޗް 9 ވަނަ ދުވަހު ޔޫކްރައިންގެ ވަޒީރުންގެ މަޖިލީހުން ވަނީ ދަނޑުވެރިކަމުގެ މުހިންމު އުފެއްދުންތަކެއް އެކްސްޕޯޓް ކުރުން މަނާ ކުރާ ގަރާރެއް ފާސްކޮށްފައެވެ. ޔޫކްރައިނުން މިވަގުތު އެކްސްޕޯޓް މަޑުޖައްސާލާފައި ވާ ބައެއް ބާވަތްތަކުގެ ތެރޭގައި ގޮދަން، ޒުވާރި، ގޮވާން، ލޮނު އަދި އެއްގަމު މަސް ހިމެނެއެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތަފާސް ހިސާބުތަކަށް ބަލަހައްޓާ ގްރޯ އިންޓެލިޖެންސްގެ ރެކޯޑްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރާ ގޮދަނުގެ 30 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާ އަދި ޔޫކްރައިންއެވެ. އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވާ ގޮތުގައި، ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށުމާ ހިސާބަށް، މި އަހަރަކީ ޔޫކްރައިންގެ ގޮދަން އެކްސްޕޯޓަށް ކާމިޔާބު އަހަރެކެވެ. އަދި ރަޝިއާއަށް މާ ދިޔާގި އަހަރެއް ނޫނެވެ.