އެކި މައްސަލަތަކާ ގުޅިގެން 45 ބިދޭސިއަކު ހޯދަން އިމިގްރޭޝަނުން އިއްޔެ އިއުލާނު ކޮށްފިއެވެ.

އެ މީހުންގެ ވަނަވަރު އާންމުކޮށް ކުރި އިއުލާނެއްގައި އިމިގްރޭޝަނުން ބުނީ، އެ މީހުން ހޯދަމުންދަނީ އިމިގްރޭޝަނާ ގުޅޭ އެކި މައްސަލަތަކާ ގުޅިގެން ކަމަށާއި، އެ މީހުން ހޯދަން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭ އިމިގްރޭޝަންގެ "އެކްސްޕެޓްރިއޭޓް އެންޑް ރީޕެޓްރިއޭޝަން ޑިވިޝަން" އަށް ރަސްމީ ގަޑީގައި ހާޒިރުވުމަށް އަންގާ ކަމަށެވެ.

ކުރިއަށް އޮތް ހަތް ދުވަހު އެ މީހުން ހާޒިރުވާން އަންގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެނަކާއި 36 ފިރިހެނެކެވެ. އެ މީހުންނަކީ:

  • ފިލިޕީންސް: 1
  • ތައިލޭންޑް: 1
  • އިންޑިއާ 3
  • އިތިއޯޕިއާ: 1
  • ބަންގްލަދޭޝް: 34
  • ސްރީލަންކާ: 1
  • ނައިޖީރިއާ: 2
  • އިނގިރޭސިވިލާތް: 1
  • އިޓަލީ: 1

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފަރާތްތަކަކީ އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކާ ގުޅިގެން ހޯދަމުންދާ ބައެއް ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއަށް އެތެރެވުމަށްފަހު، އެކި މައްސަލަތަކާ ގުޅިގެން ބިދޭސީން ހޯދަން އިމިގްރޭޝަނުން އިއުލާންކުރެއެވެ. ނަމަވެސް މިހާ ގިނަ މީހުން ހޯދަން މީގެ ކުރިން އިއުލާން ކޮށްފައެއް ނުވެއެވެ.