ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކީ އެ ކަމުގައި އެއްވެސް މީހެއްގެ މަސްލަހަތު އެކުލެވޭ ކަންކަމެއް ނޫން ކަމަށް، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދަންނަވާފައި ވާ ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

ޝީ މިފަދައިން ބައިޑަންއަށް ދަންނަވާފައި ވަނީ، މިއަދު އިރާކޮޅުގެ ވަގުތެއްގައި ބައިޑަންއާއެކު ފޯނުކޯލު މެދުވެރިކުރައްވާ، ކުރިއަށް ގެންދެވި މަޝްވަރާތަކުގައެވެ.

އެއް ދައުލަތާއި އަނެއް ދައުލަތާ ދެމެދު އޮތް ގުޅުމަކީ، އަސްކަރީ ކުރިމަތިލުމުގެ މަރުހަލާއަކަށް ދެވޭނެ ގުޅުމެއް ނޫން ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ. ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކީ އެ ކަމުގައި އެއްވެސް މީހެއްގެ މަސްލަހަތު އެކުލެވޭ ކަންކަމެއް ނޫން ކަމަށާ، ބައިނަލްއަގުވާމީ މުޖުތަމައުން އެކަމެއްގެ އުފާ ލިބިގަންނަ އެންމެ އަގުބޮޑު ހަޒާނާއަކީ ސުލްހައާއި ހަމަޖެހުން ކަމަށްވެސް ޝީގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވާ މަށް، ސީސީޓީވީއާ ހަވާލަދީ ސީއެންއެންއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް/ފޮޓޯ: ޝީންހުއާ

އެމެރިކާގެ ރިޔަސީ އިދާރާ (ވައިޓްހައުސް) އިން ހަބަރު ދޭ ގޮތުގައި ޝީއާއި ބައިޑަންގެ ފޯނުކޯލު ފައްޓަވާފައި ވަނީ އެމެރިކާ ގަޑިން މިއަދު ހެނދުނު 09:03 ގައެވެ. މިއީ ފާއިތުވީ މަސްތަކުގެ ތެރޭގައި އެ 2 ލީޑަރުންގެ މެދުގައި ކުރިއަށް ގެންދެވި ކަމަށް މައުލޫމާތު ލިބިފައި ވާ ފުރަތަމ ފޯނުކޯލެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް އެއް ބަޔަކު އަނެއް ބަޔަކާ ކޯޅެމުން އަންނަ އެމެރިކާއާއި ޗައިނާގެ އެންމެ އިސް ލީޑަރުން ފޯނުން ގުޅުއްވާ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައި މިވަނީ، ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމާގައި، ޗައިނާގެ ފަރާތުން އަސްކަރީ އަދި މާލީ އެހީއަށް ރަޝިއާއިން އެދިފައި ވާ ކަމަށް، އެމެރިކާގެ ޖާސޫސީ މައުލޫމާތު ބުނެފައި ވާ ދަނޑިވަޅެއްގައެވެ.

ބައިޑަންއާއި ޝީގެ އެންމެ ފަހުގެ ފޯނުކޯލަށް އިޝާރާތް ކުރައްވަމުން، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވަނީ، އެ ކޯލަކީ، ޗައިނާއާއި އެމެރިކާއާ ދެމެދު އަބަދުވެސް މުއާމަލާތްތައް ހުޅުވާލާފައި އޮންނަ އޮތުމުގެ ތެރެއިން ކުރިއަށް ގެންދެވި ކޯލެއް ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑިއާ ޕޫޓިން (ވ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ސީއެންއެން

އދގެ ސަލާމަތީ މަޖިލީހުގައި ދާއިމީ މެންބަރުކަން ކުރަމުން އަންނަ 2 ގައުމުގެ ހައިސިއްޔަތުން، އަދި ދުނިޔޭގެ އެންމެ ބޮޑު 2 އިގުތިސޯދުގެ ހައިސިއްޔަތުން އެމެރިކާއާއި ޗައިނާއިން އިސްކުރަންވީ ހަމައެކަނި ކަމަކީ އެ ދެގައުމުގެ ދޭދޭ ގުޅުން ނޫން ކަމަށާ، ދުނިޔެއަކީ ސުލްހަވެރި އަދި ހަމަޖެހުން ގާއިމުވެފައިވާ ތަނެއްކަން ކަށަވަރު ކުރުމަށް، ބައިނަލްއަގުވާމީ ޒިންމާތަކެއްވެސް އުފުލަން ޖެހޭ ކަމަށް މިއަދު ފޯނުކޯލުގައި ޝީ ވަނީ ބައިޑަންއަށް ދަންނަވާފައެވެ.

އަދުގެ ދުނިޔެއަކީ ސުލްހަވެރި، އަދި ހަމެޖެހުން އޮތް ތަނެއް ނޫން ކަމަށާ، ޔޫކްރައިންގައި ހިނގަމުންދާ ކަންކަމަކީ ދެކެވަޑައިގަންނަވާ ބޭނުންފުޅުވާ މަންޒަރެއް ނޫން ކަމަށްވެސް ޝީ ވަނީ ވިދާޅުވެފައެވެ.

ފެބުރުއަރީ 24ގައި ފުރިހަމަ އަސްކަރީ ބާރާއެކު ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމަގައި މަރުވި މީހުންގެ އަދަދު 816 އަށް އަރާފައި ވާ ކަމަށް އދއިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި 116 އަންހެނުންނާއި، ކުޑަކުދިންގެ 6 އަންހެން ކުދިންނާއި 16 ފިރިހެން ކުދިން ހިމެނޭ ކަމަށާ، ކަނޑައެޅިގެން އަދި ވަކި ޖިންސެއް ބަޔާން ކޮށްދޭން ނޭނގޭ 489 މީހަކުވެސް ހިމެނޭ ކަމަށް އދއިން ބުނެއެވެ.

ރަޝިއާގެ އުދުވާންތަކުގައި ޔޫކްރޭނުން މަރުވި މީހުންތަކެއް އެއް ވަޅުގަނޑެއްގައި ވަޅުލަނީ / ފޮޓޯ: ސީއެންއެން

ޝީއާއި ބައިޑަންގެ ފޯނުކޯލު މިހާރު ނިމިފައި ވާ ކަމަށް ވައިޓްހައުސްގެ އޮފިޝަލަކާ ހަވާލާދީ، ސީއެންއެންއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެންކަމުން، 2 ލީޑަރުންގެ ފޯނުކޯލަށް، 2 ގަޑިއެއްހާއިރު ހޭދަވި ކަމަށް ބެލެވިދާނެއެވެ. މި ކޯލުގައި ބައިޑަން ދެއްކެވި ވާހަކަފުޅުގެ ތަފްސީލުތަކެއް ބައިނަލްއަގުވާމީ މީޑިއާއަށް އަދި ތިލައެއް ނުވެއެވެ.