ސްޓެލްކޯ އިން ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، މިކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް ހުރިހާ އިންޖީނު ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ތެރެއިން ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި 66.96 ކިލޯވޮޓް ޕީކްގެ ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ގާފަރު އިންޖީޏުގޭގައި ސޯލާ ޕެނަލް ހަރު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ކ މާފުއްޓާއި، އދ. ކުނބުރުދޫގެ އިންޖީނުގޭގެ ފުރާޅުގައި ވެސް ސްޓެލްކޯއިން ވަނީ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހު ސްޓެލްކޯއިން އިފްތިތާހު ކުރި "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުން ދެނިވި ތަކެއްޗަށް ނޫނެކޭ ބުނުމުގެ މަގްސަދުގައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޕްރޮގުރާމުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާ، ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.
ރާއްޖޭގެ 61 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ސޯލާ ޕެނަލްތައް ގާއިމް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. ކަރަންޓު އުފެއްދުމުގައި ވެސް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް 26 ރަށެއްގައި އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލް މިދިޔަ 2020 ވަނަ އަހަރު ވަނީ ގާއިމު ކޮށްފައެވެ.
ރާއްޖޭގައި ގާއިމުކުރި އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72871 ޓަނު މަދުވެގެން ދާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. މުޅި ރާއްޖޭގައި މިހާރު ގާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ހަރަދުން ވެސް އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.