ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރެކޯޑް އަދަދަކަށް ތެލުގެ އަގުތައް އުފުލިފައި ވަނިކޮށް، ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ތާއީދު ކުރާނެ ކަމަށް ބުނުމާއެކު، ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު ކަނޑައެޅުމަށް ބަލާ ބެންޗްމާކެއް ކަމުގައިވާ އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެލުގެ އަގު 17 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ. ބްރެންޓް ކުންފުނިން ތެޔޮ ވިއްކާ އަގު ދަށަށް ދިޔައީ، އޯޕެކް ކާޓެލްގެ ނުފޫޒުގަދަ މެންބަރެއް ކަމަށް ވާ ޔޫއޭއީއިން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ތާއީދުކޮށް، ބަޔާން އާންމު ކުރި ހިސާބުންނެވެ.
ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އެންމެ ފުރަތަމަ އަގު އުފުލުނު އެއް ސިނާއަތަކީ ތެލުގެ ސިނާއަތް ކަމަށް ވާއިރު، ތެލުގެ އަގުތައް މައްޗަށް ދިއުމުގެ އަސަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ އާންމުންނަށް ދަނީ ފޯރަމުންނެވެ. އެގޮތުން، ހަކަތައާއި ދަތުރުފަތުރުގެ ނިޒާމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ، ގޭބިސީގެ ހަރަދުތައް ދަނީ އުފުލެމުން ކަން ފާހަގަ ކުރަން ޖެހެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އެހެންވެސް ބައެއް ލީޑަރުންވަނީ މި ތަކުލީފުތައް ކުޑަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 139 ޑޮލަރަށް ފީފާއެއްގެ މަގުން އުފުލިގެން ދިޔަ މަންޒަރު ފެނިފައި ވީ ނަމަވެސް، އެމެރިކާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ބްރެންޓް ކުންފުނީގެ ތެލުގެ އަގު 115 ޑޮލަރަށް ފީފާއެއްގެ ރޭޓަށް ވެއްޓިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އޭޖެންސީ (އައީއޭ) އިން ވަނީ އިސްތިރާޖީ ގައުމީ ރިޒާވްތަކުން 60 މިލިއަން ފީފާގެ ތެޔޮ ދޫކުރަން އެއްބަސްވެފައެވެ.