ޔޫކްރައިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އިގްތުސޯދީ ގޮތުން ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ވަޒީރުން ވަނީ ޔޫކްރައިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަހުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިގްތިސޯދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. އަދި އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ވެސް ކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ އިން މި މައްސަލައާ މެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައެވެ.

ޔޫކްރައިން ހަނގުރާމައާ ގުޅިގެން މިހާރު ވެސް ގިނަ ތަކެތީގެ އަގުތައް އުފުލެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން އޭޝިއާގެ ވިޔަފާރީގެ ބާޒާރުގައި ރަނުގެ އައުންސެއްގެ އަގު 2000 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ. ޒަރޫރީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައްވެސް ދުނިޔޭގެ ބާޒާރުގައި އުފުލެމުން އަންނަ އިރު، ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް، ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. ހަމައެއާއެކު ގޮދަނުގެ ބާވަތްތައްކުގެ އަގުތައް ވެސް އުފުލި އިގްތިސޯދީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާ ބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގުތައް އުފުލިގެން ދިއުމަކީ ރާއްޖެފަދަ އިމްޕޯޓް ކުރާ ތަކެއްޗަށް ބަރޯސާ ވެފައިވާ ގައުމަކަށް ނާޒުކު ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ ރަތް ސިގްނަލެއް ކަމަށް ބެލެވެއެވެ. ތެލާއި ގޮދަނާއި ކެއިން ބުއިމަށް ބޭނުންވާ އެތައް ބާވަތްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތަކަށް ވާއިރު، މި ދަނޑިވަޅު އެފަދަ ކަމަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި ކަމަކީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ، ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ކޮވިޑުގެ ސަބަބުން އިގްތިސޯދީ ގޮތުން އެތައް ގޮންޖެހުންތަކަކާ ރާއްޖެ ކުރިމަތިލާފައިވާ އިރު، އެކަމުން އަދި މުޅިން އަރައި ނުގަނެވި އުޅޭ ކަމަކީ މި ވަގުތު އެތައް ވިޔަފާރިވެރިންތަކެއްގެ ކަންބޮޑުވުމުގެ އަސްލު ކަމަށް އެއް ބަޔަކު ބުނެއެވެ.