ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލައި ހަރަމްފުޅު އާންމުކޮށް ހުޅުވާލައިފިއެވެ.

ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނެފައި ވަނީ، ގައިދުރުކަމާއެކު ނަމާދުކޮށް ތޮވާފް ކުރުމަށް ގެންގުޅުނު އުސޫލު އުވާލައި، "ތަވަލްކަންނާ" އެޕުން ރައްކާތެރިކަމަށް ދައްކާނަމަ ފުދޭނެ ކަމަށެވެ.

މިބަދަލާއެކު، ހަރަމްފުޅުގައި ނަމާދު ކުރުމާއި ރަސޫލާގެ މަގާމުފުޅާއި ސަހާބީންގެ މަގުބަރާތަކަށް ޒިޔާރަތް ކުރުންވެސް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

ސައުދީން ބުނީ، ކޮވިޑާ ގުޅިގެން އެގައުމަށް އެތެރެވުން މަނާކޮށްފައި އޮތް ބައެއް ގައުމުތައް ކަމަށް ވާ، އަފްގާނިސްތާން، ސައުތު އެފްރިކާ، ނޭމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވާތިނީ، މޮޒަމްބީކް، މަލާވީ، މޮރިޝަޝް، ޒެމްބިއާ، މަޑަގަސްކަރާ، އެންގޯލާ، ޝީޝެލްސް، ކޮމޯރޯސް، ނައިޖީރިއާ އަދި އިތިއޯޕިއާއަށް ސައުދީގެ ބޯޑަރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ގައިދުރު ކަމާއެކު އުޅެން ޖެހުނު އިރު، ސައުދީން ވެސް ފިޔަވަޅުތައް ވަރުގަދަ ކޮށް ދެ ހަރަމްގައި ގައިދުރު ކަމާއެކު ނަމާދު ކުރާ ގޮތަށް އުސޫލުތައް ބަދަލު ކުރިއެވެ. އަދި ހަރަމްފުޅަށް ޖަމާވާ މީހުންނަށް ފަސޭހައަކަށް، ގައިދުރުކަމާއެކު ނަމާދުކޮށް ތޮވާފު ކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ.