ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގެ ބެންޗްމާކެއް ކަމުގައި ބަލާ، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 113 ޑޮލަރަށް އެރުމާއެކު، ދުނިޔޭގެ ނިސްބަތުން 3 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރާ، އަވަށްޓެރި އިންޑިއާއަށް ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ.

މިއީ ޖޫން 2014 އަށް ފަހު ތެލުގެ އަގުތައް މިހާ މައްޗަށް އެރި ފުރަތަމަ ފަހަރު ކަމަށް ވާ އިރު، އިންޑިއާގެ ކަންބޮޑުވުންތަކަށް ނިމުން ނެތެވެ.

ދުވާލެއްގެ މައްޗަށް 5.5 މިލިއަން ފީފާގެ ތެޔޮ ބޭނުން ކުރާ އިންޑިއާއަކީ، އެމެރިކާއާއި ޗައިނާގެ ފަހަތުން، މުޅި ދުނިޔޭގެ ނިސްބަތުންވެސް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރާ ގައުމެވެ.

އިންޑިއާގެ ޕެޓްރޯލް ޝެޑެއް. އިންޑިއާއަކީ ބައިނަލްއަގުވާމީ ބާޒާރަށް 3 ވަނައަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ ގައުމު/ފޮޓޯ: ދަ ސްޓޭސްމަން

އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ތެލުގެ 85 ޕަސެންޓް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 45 ގައުމަކުން އިމްޕޯޓް ކުރާ ގައުމެކެވެ. މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ މެދުއިރުމައްޗާއި އެމެރިކާއެވެ. ރަޝިއާއިން އިމްޕޯޓް ކުރަނީ އެންމެ 2 ޕަސެންޓްއެވެ. ސާފު ކުރުމަށްފަހު ޕެޓްރޯލިއަމް އުފެއްދުންތަކުގެ ގޮތުގައި ބާޒާރަށް ނެރޭ އުފެއްދުންތައް ހިމެނެނީ އިމްޕޯޓްގެ ތެރޭގައެވެ.

އިންޑިއާއަކީ ޕެޓްރޯލިއަމް އުފެއްދުންތައް އެކްސްޕޯޓް ކުރާ ގައުމެކެވެ. 100 އަށްވުރެ ގިނަ ގައުމަށް އިންޑިއާގެ އެކްސްޕޯޓް ފޯރާ އިރު، އެ ގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 13 ޕަސެންޓް ހިއްސާ ކުރަނީ ޕެޓްރޯލިއަމް އުފެއްދުންތަކެވެ.

އަހަރުން އަހަރަށް ބަލާއިރު، އިންޑިއާއިން ތެލަށް ކުރާ ޑިމާންޑް، 3-4 ޕަސެންޓް އިތުރުވެއެވެ. ކުރިއަށް އޮތް 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު އިންޑިއާއިން ދުވާލެއްގެ މައްޗަށް ބޭނުން ކުރާ ތެޔޮ ފީފާގެ އަދަދު، 7 މިލިއަނަށްވެސް އެރުން އެކަށީގެން ވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ތެލުގެ ބޮޑު ބައެއް ހޭދަވަނީ އެއްގަމު އުޅަނދު ފަހަރަށާއި، ޕެޓްރޯކެމިކަލާ ޕްލާސްޓިކާ ގުޅުން ހުރި ސިނާއަތްތަކަށެވެ. 80000 މެގާވޮޓްގެ ކަރަންޓް އުފެއްދުމަށްވެސް އިންޑިއާއިން ބޭނުން ކުރަނީ ޑީސަލްއެވެ.

ޓެކްސްއިން ލިބޭ އާމްދަނީގެ ބޮޑުބައެއްވެސް ބަރޯސާވަނީ ތެލުގެ މައްޗަށެވެ. ފެޑެރަލް އެކްސައިސް ޑިއުޓީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު އިންޑިއާގެ އިގުތިސޯދީ ސިއްހަތު ވަނީ ތެލުގެ ސިނާއަތާ އިންތިހާ ބޮޑަށް ގުޅިފައެވެ.

ތެލުގެ އަގު އުފުލުމާއެކު އިންޑިއާގެ އިގުތިސޯދަށް ލިބޭ އަނިޔާ ބޮޑުވެއެވެ. އަދި އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖައްސާލައެވެ. ނަތީޖާއަކަށް ވަނީ، އެހެން ކަންކަމަށް ވުރެ ތެލަށް ކުރާ ހޭދަ ބޮޑުވުއެވެ.