އެހެނިހެން ރަށްރަށުގައިވެސް ހިލޭ ގޯތި ދޭ ފަދައިން، މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކުން އެ ރަށެއްގެ ބިން ހިއްކާފައި ރައްޔިތުންނަށް ހިލޭ ދޭއިރު މާލޭއިން ބިން ހިއްކާފައި ވިއްކުމަކީ ހަމަހަމަކަން ނެތިގެންދާ ކަމެއް ކަމަށާއި، އެހެންވެ، މާލެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 1،000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސަށާއި ސަރުކާރަށް ގޮވާލައްވާފައެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހުޅުމާލޭން 1،000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ހަގީގަތެއް ކަމަށް ވާނަމަ، އެހެނިހެން ރަށްރަށުގައިވެސް ގޯތި ހިލޭ ދޭ އުސޫލުން މާލޭ ރައްޔިތުންނަށް ހިލޭ ދެއްވުމަށް އެދި ރައީސަށް ސިޓީއެއް ފޮނުއްވަވާފައިވާނެ ކަމަށެވެ.

ހުޅުމާލޭން މާލޭ ރައްޔިތުންނަށް 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން މިހެން ބުނެފައި ވާއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެއެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.