އިކްނޮމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޒަކާތު ނަފާގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ދިވެހި ރައްޔިތުންގެ ތެރެއިން އެ މިނިސްޓްރީއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން 'ޒަކާތު ނަފާ' ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށް ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިގްތިސާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުސަތު ފޯރުކޮށްދެވޭ ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމަކީ ވެސް މަގުސަދެކެވެ.

ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ ފަސް އަހަރެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ޒަކާތު ފަންޑުން އެހީ ދިނުމުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 2021-2022 ގައި ހިންގާނެ ޕްރޮގްރާމްތަކުގައި ތެރޭގައި ހިމެނެނީ ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފާމިންގް, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން, ފެހުން, ތަމްރީން/ "އޮން ދަ ޖޮބް" ޓްރައިނިން / އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުމެވެ.