ރާއްޖޭގައި ތިބި ޔޫކްރައިން ފަތުރުވެރިންގެ ވިސާ އިތުރުކޮށްދޭން ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި އިތުރު މުއްދަތަކަށް ތިބެން ބޭނުންވާ ޔޫކްރައިންގެ ފަތުރުވެރިންނަށް ހާއްސަ ވިސާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ކުރިން ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަންދާޒާކޮށްލެވޭ ގޮތުގައި ރާއްޖޭގައި ރަޝިއާގެ 8،000 ފަތުރުވެރިންނާއި، 750 ޔޫކްރައިން ފަތުރުވެރިން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ ވަނީ ބުނެފައެވެ. އަދި މި ފަތުރުވެރިންގެ ހާލަތު މިނިސްޓްރީން ގާތުން ބަލަމުން ދާކަމަށް ބުނެފައި ވެއެވެ.

ރަޝިއާ އިން ޔޫކްރައިން އަށް އަރައި ހަނގުރާމަ ފެށިއިރު، ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެވަނަ ގައުމެވެ. އެގޮތުން ރަޝިއާއިން އަހަރެއްގެ މައްޗަށް ދެ ލައްކައެއްހާ ފަތުރުވެރިން ރާއްޖެ އާދެއެވެ. މީގެއިތުރުން ގަދަ 10 ގައި ޔޫކުރައިން ހިމެނޭއިރު ފަހަކަށް އައިސް އަހަރަކު 30،000 ފަތުރުވެރިން އެ ގައުމުން ރާއްޖެ އާދެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވަނީ ތާށިވެފައި ތިބި ފަތުރުވެރިންނަށް ދެ ގޮތަކުން އެހީވާން ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެތެރެއިން ކައިރި ގައުމަކަށް ދާން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ ރާއްޖޭގައި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.