ފުރިހަމަ އަސްކަރީ ބާރާއެކު ޔޫކްރޭނަށް އަރާ ހަނގުރާމަ ކުރަމުން ދާ ރަޝިއާއާ ދެކޮޅަށް ޔޫކްރޭނުން ގަތުލުއާންމުގެ ދައުވާ އުފުލައިފިއެވެ.

އދގެ އެންމެ މަތީ ކޯޓު ނުވަތަ ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ކޯޓު (އައިސީޖޭ) ގައި ޔޫކްރޭނުން ދަފުތަރު ކުރި ދައުވާގައި، ރަޝިއާއިން ގަތުލުއާންމު ހިންގަން ރާވާފައި ވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އަދި ރަޝިއާއިން މިހާރު ހިންގަމުންދާ ޖަރީމާ، ވަގުތުން ވަގުތަށް، ހުއްޓުމަކަށް ގެނެސް، ބަދަލު ދިނުމަށް އެ ގައުމުގެ މައްޗަށް ލާޒިމު ކުރުމަށްވެސް ޔޫކްރޭނުން ވަނީ އައިސީޖޭގައި އެދިފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ ހިންގަމުންދާ ޖަރީމާތަކުގައި ޔޫކްރައިން އާންމުންގެ 352 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށާ، އޭގެ ތެރޭގައި 14 ކުޑަކުއްޖަކު ހިމެނޭ ކަމަށް ޔޫކްރައިންގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހަމަލާ ދޭނީ އަސްކަރީ އަމާޒުތަކަށް ކަމަށް ރަޝިއާއިން ބުނި ކަމުގައި ވީ ނަމަވެސް، އާންމުން ދިރިއުޅޭ ތަންތަންވެސް އަމާޒުފަތްގަނޑަކަށް ހަދާފައި ވާ މަންޒަރު ދަނީ ފެންނަމުންނެވެ.

މި އުދުވާންތަކުގައި ޔޫކްރައިނުން 1684 މީހަކު ޒަހަމް ވެފައި ވާއިރު، އޭގެ ތެރޭގައި 116 ކުޑަކުދިން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ފުރިހަމަ ބަރާއެކު ޔޫކްރައިންއަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށެވެ.