ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ މައި ޔުނިވާސިޓީތަކުގެ ކިއެވުން، ގާތްގަނޑަކަށް 6 މަހެއްހާ ދުވަހުގެ މެދުކަނޑުމަކަށް ފަހު އަލުން ފަށައިފިއެވެ.

ހަރުކަށި ފިކުރުގެ އުސޫލުތައް ތަންފީޒު ކުރުމުގެ ރެކޯޑް އޮތް ތޯލިބާން ޖަމާއަތުގެ ދަށުގައި އޮތް އަފްގާނިސްތާނުގެ މައި ޔުނިވާސިޓީތަކުގައި ކިއެވުން އަލުން ފަށާފައި ވާ އިރު، ދެ ޖިންސުގެ ދަރިވަރުން ވަކިކޮށްގެން ކިޔަވާ ދޭކަން ފާހަގަ ކުރަން ޖެހެއެވެ.

އޯގަސްޓް 15، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ބާރު، ތޯލިބާނުން ނަގާ، އަންހެން ދަރިވަރުންނަށް ހާއްސަ ސާނަވީ ސްކޫލްތަކާ، އާންމު ހުރިހާ ޔުނިވާސިޓީއެއް ބަންދު ކުރިއެވެ. މިއާއެކު އަންހެނުންނަށް ތައުލީމު ހާސިލު ކުރުމުގެ ހައްގު ގެއްލުނީ ކަމުގެ އަޑުތައް ފެތުރި، ބިރު އުފެދުނެވެ. 1996 އިން 2001 އަށް އަފްގާނިސްތާނުގައި ތޯލިބާނުން ވެރިކަން ކުރިއިރު ކަން ވީ ފަދައިންނެވެ.

ނަމަވެސް ތޯލިބާނުން ވަނީ ދެ ޖިންސު ވަކިކޮށް، އިސްލާމީ މުގައްރަރަކަށް އިލްމު ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ކަން ދީފައެވެ.

އިނގިރޭސި ބަހުގެ އިލްމުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރެއް ކަމުގައި ވާ ބަސީރާ ވަނީ، ޔުނިވާސިޓީތަކުގެ ކިއެވުން އަލުން ފެށުނު ކަމާ މެދު އުފާ ކުރާ ކަމަށާ، ތައުލީމު ހާސިލު ކުރުމައިގެން ކުރިއަށް ދިއުމަށް ބޭނުން ވާ ކަން ހާމަ ކޮށްފައެވެ. ނަމަވެސް ލެކްޗަރަރުން ލިބުމުގައި ދަތިކަން ދިމާވާ ކަމާށާ، ސަބަބެއް ކަމުގައި ބެލެވެނީ، އެމީހުން ގައުމު ދޫކޮށް ގޮސްފައި ވުން ކަމަށްވެސް، ހަމައެކަނި ބަސީރާގެ ނަމުން ތަފްސީލު ދިން ދަރިވަރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުލާސްތަކުގައި ހަރުކަށި އުސޫލުތަކެއް އޮންނަކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން ފޯނު ހިފައިގެން ދިޔަ ދަރިވަރަކަށް އެއްޗެތި ގޮވި މައްސަލައެއް، ދަރިވަރަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ތޯލިބާން ގާޑުން، ދަރިވަރުންނާ މެދު ކަން ކުރަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމުގެ ޝަކުވާވެސް ދަރިވަރަކު ވަނީ ކޮށްފައެވެ.

ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ. ވަކިން ހާއްސަކޮށް، އިލްމުވެރި ގިނަ ބަޔަކު އެ ގައުމު ދޫކޮށް ދިއުމަށް ހުޅަނގުން ނުފޫޒު ފޯރުވި މަންޒަރުވެސް ވަނީ ފެނިފައެވެ.

އަފްގާނިސްތާނުގެ ބައެއް ޔުނިވާސިޓީތަކުގެ ކިއެވުން މިދިޔަ މަހުވެސް ވަނީ ފަށާފައެވެ. ނަމަވެސް، އެންމެ ވަރުގަދަ ޔުނިވާސިޓީތަކުގެ ކިއެވުން އަދި މި ފެށުނީ ކަމުގައި މައުލޫމާތު ލިބެއެވެ.