މާލޭގައި ސްޓްރީޓް ފުޑް ވިއްކާ ގޮތަށް އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ލޯނު ނެގުމަށް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގު 36 ވަނަ ރަސްމީ އާންމު ޖަލްސާގައި، އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ބޭންކް ލޯން ނަގައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްވެފައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދަރުބާރުގޭ ކައިރިން އިރަށް އޮންނަ ބިމުގައި ވަރަށް ފަސޭހަކަމާ އެކު ކުޑަކުޑަ ލޭންޑް ސްކޭޕިންއަކާ އެކު މޫވަބަލް ޑިވެލޮޕްމަންޓެއް އެތަނުގައި ޒަމާނީ ސްޓްރީޓް ފުޑް ކޮންސެޕްޓެއް ގެނެސް ސީޓިންއާއެކު ތަން ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުން ތަރައްގީ ކުރާ ތަނަކީ ޒުވާނުންނާއި ކަނބަލުންނަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބޭ ގޮތަށް ހުށަހަޅައި ގިނަ ރައްޔިތުންތަކެއްގެ ތާއީދު ވެސް ލިބުނު ކަމެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ޕްރޮޖެކްޓްގެ ޑީޓެއިލް މަސައްކަތް ކުރުމަށް ފަހު ފައިނޭންސް އިސްޓިޓިއުޝަންތަކުގެ ޝައުގުވެރިކަން ހުރިތޯ ބެލި އިރު، ތާއީދު ލިބިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއީ ވަރަށް ފީސިބަލް ކަމެއްގެ ގޮތުގައި ބޭންކްތަކަށް ވެސް ގަބޫލް ކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން ދާއިމަށް ބޮޑު ސްޓްރަކްޗާއެއް ހަދައި މުސްތަގުބަލުގައި އެތަނަށް ބޮޑު ޑިވެލޮޕްމަންޓެއް އަންނަ ދުވަހަކުން ވެސް ބޮޑު ބަދަލެއް ދޭން ޖެހޭނެ ކަމަކަށް ނުވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން މިކަން ކުރުމުން ޒުވާނުންނާއި ކަނބަލުންނަށް ފުރުސަތު ދޭނެ ކަމަށް އެނާ ވިދާޅުވިއެވެ.
ރިޔާސަތުން މޭޔަރު ހުށަހެޅުއްވި ކަރުދާހުގައި ވަނީ ކައުންސިލްގެ އެޕްރޫވަލް އާއި ފައިނޭންސްގެ އެޕްރޫވަލް ލިބިއްޖެ ނަމަ ފެބްރުއަރީގައި ލޯން އެސެސްމަންޓަށް ބޭންކަށް ފޮނުވާނެ ކަމަށެވެ. އަދި އެކަންކަން ނިމުމުން މާޗް މަހުގައި ޓެންޑާ އަށް ހުޅުވާލާ އޭޕްރީލްގައި ކޮންޓެކްޓަރާއި ކަންކަން ހަވާލުކުރަން ވަނީ ޕްލޭން ކޮށްފައެވެ. ދެން ޖެހިގެން އަންނަ ތިންމަސްތެރޭ އެތަންތަން ހިންގަން ފަރާތްތަކަށް ފުރުސަތު ހުލުވާލެވިގެންދާނެ ކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.
އައުޓްޑޯ ފުޑް ކޯޓު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށް ކައުންސިލް ޖަލްސާގައި މަޝްވަރާ ކުރި އިރު، ފުޑް ކޯޓު ޕްރޮޖެކްޓަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ބައްދަލުވުމުގައި ކައުންސިލުން ހެންވޭރު ރައްޔިތުންނަށް ހުށަހެޅި މަޝްވަރާކޮށްފައިވާ ކަމެކެވެ.