ނަބީލާ ޝައިހް ހިޖާބު އަޅަން ފެށީ އޭނާގެ އުމުރުން 30 އަހަރުގައެވެ. އެއީ އެއްބަނޑު އެއްބަފާ 3 ބެއިންގެ ތެރެއިން އެންމެ ފަހުން ބުރުގާ އެޅި ޒުވާނާއެވެ.

އެންމެ ދޮއްޓަށް ހުރި މުޒްނާ ހިޖާބު އެޅީ އޭނާގެ އުމުރުން އެންމެ 8 އަހަރުގައެވެ. ދެބެންގެ ދެދަރި ކުއްޖެއްގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. ހަގަށް ހުރި ސާރާ ހިޖާބު އެޅީ ދިރިއުޅުން، ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިޔަ ދުވަސްވަރުއެވެ.

ޑޮކްޓަރުކަން ކުރަމުން އަންނަ ދެމަފިރިއަކަށް އުފަންވި 3 ބެއިންވެސް އުޅެ ބޮޑުވީ އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، ކަމުގައި ވާ މުމްބާއީގައެވެ. އިންޑިއާގައި ބުރުގާ އަޅާ މީހުން އުޅެއެވެ. މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް އަމާޒު ނުވި ނަމަވެސް، ދާދި ފަހުން ކަރުނާޓަކާ ސްޓޭޓްގައި ހިނގާދިޔަ ކަންތައްގަނޑަށް ފަހު، ބުރުގާ އަޅައިގެން އިންޑިއާގައި އުޅޭ މީހުންނަށް ހާލަތު ބަދަލުވެއްޖެއެވެ.

މުސްލިމު ދަރިވަރުންނަށް ބުރުގާ އަޅާއިގެން ކުލާހަށް ހާޒިރުވެވިދާނެ ތޯ، ބާރުތިޔާ ޖަނާތާ ޕާޓީގެ ކޮންޓްރޯލް އޮންނަ ކަރުނާޓަކާ ސްޓޭޓްގެ ސަރުކާރުން ހިންގާ ކޮލެޖުތަކާ ހައި ސްކޫލްތަކުން ސުވާލު އުފެއްދުމާއެކު، އެ މައްސަލަ އޮތީ ކޯޓުގައެވެ. މި މައްސަލާގައި ހަމަނުޖެހުންތަކާ ކުރިމަތިލުންތައްވެސް ހިންގިއެވެ. އަދި މުސްލިމު އެތައް ކުދިންނަކަށް ކުލާސްތަކުގެ ދޮރުތައް ބަންދުވިއެވެ.

އިންޑިއާގައި ހިޖިބާއި ބުރުގާ މަނާ ކުރަމުން ދާ ދިއުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުން / ފޮޓޯ: އިންޑިއާ ޓައިމްސް

އިންޑިއާގެ ވެރިރަށް ނިއުދިއްލީއިން ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މުޖުތަމައުން ބަލައިގަންނަ ބަޔަކަށް ވުމަށްޓަކާ ދީން ދޫކޮށްލަން ޖެހޭ ކަން ހަނދާން ކޮށްދޭ ކަމަށެވެ. ނަމަވެސް، އެއީ ޒާތީ ކަމެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"މީހަކަށް ނުވިސްނޭނެ ހިޖާބު އެޅީމަ، ބާރުވެރިކަން އިހުސާސް ކުރެވޭ މިންވަރެއް. އެމީހުންނަށް ތިބެނީ އޮޅުން އަރާފަ. އެހެންވެ، އެމީހުން އަހަރަމެންނާ މެދު އެގޮތަށް ދެކެނީ" ނަބީލާ ބުންޏެވެ.

ހިޖާބު އެޅުމަކީ ހައްގުން ނިގުޅައިގަތުން ކަމަށް ޒަމާނީ ތަހުޒީބުގެ ލާދިނީ ފިކުރުގައި ޖެހިފައިވާ ބަޔަކު ވަކާލާތު ކުރެއެވެ.

ހަގީގަތް އޮތީ އެހެންނަކުން ނޫނެވެ. ބުރުގާ އެޅުމުގެ ހައްގު ނިގުޅައިގަތުމުން މަގުތަކަށް ނިކުމެ، ހައްގަށް ވަކާލާތު ކުރަމުން އެދަނީވެސް ހިޖާބުގައި ތިބެގެންނެވެ. ވީ އިރު، ބާރުވެރި ނުވެފައި ކޮބައި ހެއްޔެވެ؟ ހިޖާބު އެޅުމުން މީހާގެ ހައްގުން މިންވަރެއްވެސް އުނިވެފައި ކޮބާ ހެއްޔެވެ؟ ނަމަވެސް، ހިޖާބު އެޅީތީ އެތައް ކަމަކުން މަހްރޫމު ކުރުމީ ހައްގު ނިގުޅައިގަތުން ނޫން ބާއެވެ؟

މީގެ 5 ވަރަކަށް އަހަރު ކުރިން ހިޖާބު އެޅި އެކަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ، އުމުރުން 27 އަހަރުގެ ނަގްއެވެ. ނަގް ބުނާ ގޮތުގައި ހިޖާބު އެޅި ހިސާބުން، ގިނަ ބައެއްގެ ވިސްނުން ހުރި ގޮތް އޭނާއަށް އެނގުނެވެ.

"ހިޖާބު އެޅީމަ، މީހުންގެ ވިސްނުން ހުރި ވަރު އެނގިއްޖެ. މިހެން އުޅޭއިރު ޗުކުޗުތަޅުވާ، ފޮށި ހަދާ. ހައްގުން މަހްރޫމުވެފަތޯ، ހޫނުވޭތޯ، ބޮލުގައި ލަނީ ކޮން ޝޭމްޕޫއެއްތޯ އަހާ. ނުވިތާކަށް، ބޮލުގަ އިސްތަށި ހުރޭތޯ އެބަ އަހާ، އެމީހުން ހީކުރަނީ އަހަރެންނަށް ކެންސަރު ޖެހިފަ ހުންނަ ކަމަށް" ނަގް ބުންޏެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖުގެ ދަރިވަރުން އިދާރާގައި / ފޮޓޯ: އަލްޖަޒީރާ

ހިޖާބަކީ އައުރަ ނިވާ ކުރުމަށް ބޭނުން ކުރާ ފޭރާމުގެ ބަޔަކަށް ވީ ނަމަވެސް، އައުރު ނިވާ ކޮށްގެން އަމިއްލަ ވަޒަނުގައި މިނިވަން ކަމާއެކު އުޅުމުގެ ފުރުސަތު، އަދުގެ އިންޑިއާގެ ގިނަ ބަޔަކަށް ގެއްލެމުން ދާ ކަމީ، ގަބޫލު ކުރަން ޖެހިފައި ވާ ހަގީގަތެކެވެ.

އިންޑިއާގެ ވެރިކަމާ ބީޖޭޕީއިން ހަވާލުވެ، ފާއިތުވެގެންދާ 2 ދައުރަކީ، މުސްލިމުންނަށް އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު ނޫން ކަމުގައި ބުނެވޭކަށް ނެތެވެ. އެއް ގޮތަށް ވުރެ ގިނަ ގޮތުން، މުސްލިމުންނަށް ފުރައްސާރައާއި ހުރަސްތައް ކުރިމަތި ކޮށްފައި އެބަހުއްޓެވެ. ކަޝްމީރުގެ މިނިވަން ކަން ނަގާލުމާ ހިސާބުން ފެށިގެން، ވަކިވަކި ފަރުދުންގެ ޒާތީ މިނިވަން ކަމަށް ހުރަސް އެޅޭ ކިތަންމެ ކަމެއް ފާއިތުވީ ދެތިން އަހަރެއްގެ ތެރޭގައި އެކަނިވެސް ކޮށްފައި އެބަހުއްޓެވެ.