ރަޝިއާއާއި ޔޫކްރައިންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބެލުމުގެ ބެންޗްމާކެއްގެ ގޮތުގައި ބަލަމުން އަންނަ އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މިއަދުގެ ވަގުތެއްގައި 99.38 ޑޮލަރަށް އަރާފައެވެ. މިއީ ފާއިތުވީ 7 އަހަރު ދުވަހުގެ ތެރޭގައި މި އަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

އިތުރު ބެންޗްމާކެއް ކަމަށް ވާ އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ 95.43 ޑޮލަރަށް އުފުލިފައެވެ.

ފިޑެލިޓީ އިންޓަނޭޝަނަލްގެ އިންވެސްޓްމަންޓް ޑައިރެކްޓަރެއް ކަމަށް ވާ މައޭކީ ކަރީ ވިދާޅުވީ، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެވެސް މައްޗަށް އެރުން އެކަށީގެން ވާ ކަމަށެވެ. ސަބަބެއް ކަމުގައި ބުނަނީ ޔޫކްރައިންގެ މައްސަލައާ، އެމެރިކާގެ ފިނި މޫސުމުގެ ފިނި ގަދަވުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލާއި ގޭހުގެ ސަޕްލައިގެ ދާއިރާގައި ކުރާ އިންވެސްޓްމަންޓްތައް މަދުވުން ކަމަށެވެ.

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ކޮންމެ 10 ފީފާއެއްގެ ތެލުން 1 ފީފާ އަކީ ރަޝިއާގެ ތެޔޮ ފީފާއަކަށް ވާއިރު، ތެލުގެ އަގުތައް ކަނޑައެޅުމުގައި ރަޝިއާގެ ދައުރު ބޮޑެވެ. ނަތީޖާއެއްގެ ގޮތުން، ޕެޓްރޯލް ޕަމްޕުތަކުން ހިދުމަތް ހޯދާ މީހުންނަށްވެސް މި ކަމުގެ އަސަރު ފޯރާނެ ކަމަށް، ކަރީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވަމުން ދާއިރު، މިމައްސަލާގައި އެއްވެސް ގައުމަކަށް ހަވާސާ ވެގެން ނޯވެވޭނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.