2020 ވަނަ އަހަރު ޗައިނާއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުނު ވެހުމާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރަން ތަންފީޒު ކުރި ލޮކްޑައުންގެ ހަރުކަށި އަމުރާ ގުޅުމެއް ވާ ކަމަށް، ސައެންސްވެރިން ބުނެފިއެވެ.

2020 ވަނަ އަހަރު ޗައިނާއަށް، އާދަޔާ ހިލާފު ގަދައަށް ވިއްސާރަ ކޮށްފައި ވަނީ، ލޮކްޑައުންގެ ސަބަބުން އިގުތިސޯދީ/ސިނާއީ ހަރަކާތްތައް މަޑުޖެހިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ޖައްވަށް ބޭރު ކުރާ، ދުނިޔެ ހޫނު ކުރާ ވިހަ ގޭހުގެ މިންވަރު ދަށްވެ، ވައިގެ ފަށަލައަށް ބަދަލު އައިސްގެން ކަމަށް މައުލޫމާތު ލިބެއެވެ.

2020 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޗައިނާއަށް ކުރި ގަދަ ވިއްސާރާގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނެވެ. ޖޫން މަހާއި ޖުލައި މަހު ޗައިނާއަށް ކުރި އެ ގަދަ ވިއްސާރައިގެ 3 ބައިކުޅަ 1 ބައި ސަބަބަކީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރި މިންވަރު ދަށްވުން ކަމަށް ސައެންސްވެރިން ބުނެއެވެ.

ދިރާސާ ޓީމުން ބުނެފައި ވާ ގޮތުގައި، ފާއިތުވީ 40 އަހަރެއްހާ ދުވަހު ޗައިނާއަށް ވިއްސާރަ ކުރި މިންވަރު ދަށް ވެފައި ވަނީ، ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުންނެވެ.

ނަމަވެސް މި ފަދަ ވިހަ ގޭސް ބޭރު ކުރުން، ދިގު މުއްދަތަކަށް ދަންމާލެވިއްޖެ ނަމަ، މިފަދަ ހާދިސާތައް ހިނގުން ނާދިރު ކަމުގައިވެސް ބުނެއެވެ.

ދިރާސާގެ އިސް މުސައްނިފަކަށް ހުންނެވީ، ޗައިނާގެ ނާންޖިންގް ޔުނިވާސިޓީ އޮފް އިންފޮމޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށް ވާ ޔޭންގް ޔޭންގްއެވެ. ދިރާސާ އާންމު ކޮށްފައި ވަނީ، ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައެވެ.