އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ ސިއްހީ ހާލަތު ބަލައިދިނުމަށް އޭނާގެ ދިފާއީ ވަކީލުން އެދިވަޑައިގެންފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން އެދިފައެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އިތުރު ހެކިތަކެއް ވެސް ހުށަހަޅަން ހުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު އެ ދުވަހު ގޮތެއް ނުނިންމަވާ، ލަމްހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެ ކަމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށާއި، އެހެންކަމުން އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިފައެވެ. އެހެންނަމަވެސް ދިފާއީ ވަކީލު ވަނީ ބައެއް ކަންކަން ދިރާސާކުރަން ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލަ ބައްލަވާ ގާޒީ ފާއިޒު ނިންމެވީ ހޯމަ ދުވަހުގެ ހަވީރު 4 ޖަހަންދެން ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ.

ދިފާއީ ވަކީލު ވަނީ ލަމްހާ ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައުލަތުން އެއްވެސް ކަމެއް ބަލާފައި ވާނެތޯ ސުވާލުކުރައްވައިފައެވެ. އަދި ދައުލަތުން ވަނީ އާންމު އުސޫލުން، ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ފަރުވާގެ ކަންކަމުގެ މައުލޫމާތު ދައުލަތުން ހޯދަނީ އެފަދަ ޝަކުވާއެއް ލިބުމުން ކަމަށާއި މި މައްސަލައިގައި މިހާތަނަށް ވެސް ލަމްހާގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާތީ އެކަން ބަލާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގާޒީ ވަނީ ދައުލަތުން ލަމްހާގެ ސިއްހީ ހާލަތު ބެލުމަށް ފަހު ދެން އޮންނަ ޝަރީއަތުގައި އެ ވާހަކަތަކަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ލަމްހާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ދައްކަން ހުރި ބައެއް ވާހަކަތަކަކީ ވަރަށް ޒާތީ ވާހަކަތަކެއްކަމުން ބަންދާ މެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުން ސިއްރުކޮށްދިނުމަށް ދިފާއީ ވަކީލު ވަނީ މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގެންފައެވެ.

ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.