މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކުރަނީ 1250 އަކަފޫޓްގެ 1000 ގޯތިކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްްޖެއެވެ.

ރާއްޖެޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސުހެއިލް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށާއި އަދި ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް 1250 އަކަފޫޓުގެ 1000 ގޯތި ދޫކުރާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

"1000 ގޯތި އަޅުގަނޑުމެން ހުޅުމާލެއިން ސަރުކާރަަށް ހަވާލުކޮށްދޭނަން، ސަރުކާރުން ނިންމަވާނީ އެގޯތިތައް ހަވާލުކުރާނެ ގޮތްތަކެެއް، އަޅުގަނޑުމެން އެ އަދަދަށް ހުޅުމާލެއިން ގޯތި ހަމަޖައްސައިދޭނަން."
ސުހައިލް އަހްމަދު

ހުޅުމާލެއިން 1000 ގޯތި ހަމަޖައްސައިދޭނެ ކަމަށް ސުހައިލް ވިދާޅުވެފައި ވާއިރު، މާލެ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދީފައި މެނުވީ ރިޔާސީ ދައުރު ނިންމަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިމަސައްކަތް މިއަހަރު ޖޫންގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާލޭ ރައްޔިތުންނަށް ބިމުގެ ދަތިކަން ދިމާވެފައި ވާތީ އެކަން ހައްލުކޮށް ދިނުމަށް އެކިފަހަރު މަތިން ރައްޔިތުންގެ ހިޔާލު ހޯދާ ފަހަރުތަކުގައި ހުށަހަޅާ އެންމެ ބޮޑު އެއް ޝަކުވާއަކީވެސް ބޯހިޔާވަހިކަމުގެ ޝަކުވާއެވެ. މާލެއިން ބިން ދޫނުކުރާތާ އެތައް އަހަރުތަކެއް ވެފައިވާ އިރު އެންމެ ކުރީގައި ދޫކޮށްފައިވާ ގޯތިތައް މިހާރު ބައިބައިކޮށް ވަނީ އާއިލާއެއް ދިރިއުޅެވޭނެ ވަރަށް ވުރެ ތަންކޮޅު ކުޑަވެފައި ކަމަށް މާލެ ރައްޔިތުން ބުނެއެވެ. މީގެ އިތުރުން މާލެއިން ފްލެޓްތަކާއި ބިން ދޫކުރާ އިރު، މާލެ ރައްޔިތުންނަށް އިސްކަން ދިނުމަށް ވެސް އެ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ މާލެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް ދޭނެ ކަމަށް ބުނެއެވެ. އެހެންކަމުން މި ވެރިކަމުގެ 4 ވަނަ އަހަރު ގުނަމުން އަންނަ އިރު މި މައްސަލަ ހައްލުކޮށް ދިނުމުގައި ލަސްތަކެއް އުޅޭތީ އާންމުން އަންނަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ.