ޒަމާންވީ ވާދަވެރި ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ ދެބަސްވުންތަކުގެ ޗޭނަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ.

އެގޮތުން ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ، އިންޑިއާއިން ވަނީ ޗައިނާއަށް ނިސްބަތް ވާ 54 އެޕްލިކޭޝަނެއް، އިންޑިއާގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއިން މަނާ ކުރި ޗައިނާގެ އެޕްތަކަކީ، ޗައިނާގެ ވަރުގަދަ ކުންފުނިތަކަކަށް ނިސްބަތްވާ އެޕްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ޓެންސެންޓް، އަލީބާބާ، ނެޓްއީސް ފަދަ ކުންފުނިތައް ހިމެނޭއިރު، ފަހުގެ އަމުރުން މަނާ ކުރި އެޕްލިކޭޝަންތަކަކީ، މީގެ ކުރިންވެސް މަނާ ކޮށްފައި ވަނިކޮށް ރީބްރޭންޑް ކޮށްފައި ވާ އެޕްލިކޭޝަންތަކެއް ކަމަށް ހަބަރު ލިބެއެވެ.

ޗައިނާއާ ދެކޮޅަށް އިންޑިއާއިން މި ފަހަކަށް އައިސް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށި 2020 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ހިންގި ކުރިމަތިލުމަކަށް ފަހުގައެވެ. އެ ކުރިމަތިލުމުގައި 2 ގައުމުގެ އަސްކަރިއްޔާއިންވެސް ސިފައިންތަކެއްގެ ފުރާނަ ގެއްލި ދިޔަ ކަމަށް ހަބަރު ލިބެއެވެ. ޗައިނާގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށީ އޭގެ ފަހުންނެވެ. އޮންލައިން އެޕްލިކޭޝަންތައް މަނާ ކުރަންވެސް ފެށީ އެހާ ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ.