އިންޑިއާ ކަނޑުގެ ސަރަހައްދުގައި، ކަންބޮޑުވާ ދަރަޖައަށް، ޗައިނާއިން ޣައިރު ގާނޫނީ މަސްވެރިކަން ކުރަމުން އަންނަ ކަމަށް، އިންޑިއާ ކަނޑުގެ ސަރަހައްދަށް ފާރަވެރިވާ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ ބައިނަލްއަގުވާމީ ލޮލުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އައިއެފްސީ-އައިއޯރްގެ ރެކޯޑްތަކުން ދައްކާ ކަމަށް، އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އައިއެފްސީ-އައިއޯރް ނުވަތަ އިންފޮމޭޝަން ފިއުޝަން ސެންޓާ އިންޑިއަން އޯޝަން ރީޖަން އަކީ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް، 50 އަށް ވުރެ ގިނަ ގައުމު ގުޅާލަދޭ މަރުކަޒެކެވެ. މި މަރުކަޒު ގާއިމު ކޮށްގެން ހިންގަނީ އިންޑިއާގެ ގުރުގައުންގައެވެ. އައިއެފްސީ-އައިއޯރްގެ ބައިނަލްއަގުވާމީ ލިއޭޒަން އޮފިސަރުންގެ ގޮތުގައި އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް، މޮރިޝަސް، މިޔަންމާ، ސީޝޭލްސް، ސިންގަޕޫރު، އިނގިރޭސިވިލާތް، އެމެރިކާ އަދި ދިވެހިރާއްޖެ ހަރަކާތްތެރިވެއެވެ.

އައިއެފްސީ-އައިއޯރްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާ ކަނޑާއި، އިންޑިއާ ކަނޑުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުގެ 379 މައްސަލައެއް، 2020 ވަނަ އަހަރު ވަނީ ފެންމަތިވެފައެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 213 ހާދިސާއެއް ރެކޯޑް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ މަސްވެރިކަމުގެ ސިނާއަތުގައި ޗައިނާއާ އަރާ ހަމަ ކުރެވޭ ގައުމެއް ނެތް ކަމުގައި ދެންނެވިދާނެއެވެ. އެންމެ ފަހުގެ ސެޓެލައިޓް ރެކޯޑް ތަކަށް ބަލާއިރު، ދުރު ހިސާބުތަކުން މަސްވެރިކަން ކުރުމަށް އިންޑިއާއިން ދަފުތަރު ކޮށްފައިވާ ފްލީޓްގައި 17000 އެއްހާ ކަނޑު އުޅަނދު ފަހަރު ހިމެނެއެވެ. އަދި އެކި ގައުމުތަކުގެ ދިދައިގެ ދަށުގައި 1000 އެއްހާ އުޅަނދު ދަފުތަރު ކޮށްފައިވެއެވެ.

ވިލާތާއި އެމެރިކާއަށް ބަލާއިރު މި އަދަދު އުޅެނީ 289 އަދި 225 ގައެވެ. ޗައިނާގެ ހަގީގީ އަދަދުތައް އިންތިހާ މަތިވެދާނެ ކަމަށް ބެލެވެއެވެ. އެހެނީ، ގިނަ އުޅަނދު ފަހަރަކީ ދަފުތަރު ކުރުމަކާ ނުލާ، ޓްރާންސްޕޮންޑަރުވެސް ބޭނުން ނުކޮށް، ހަރަކާތްތެރިވާ އުޅަނދު ފަހަރުތަކަށް ވުމެވެ.

މަސްވެރިކަމުގެ އެންމެ ބޮޑު ފްލީޓް އޮތީ ޗައިނާގައި ކަމަށް ވެފައި، ޗައިނާގެ ދެކުނާ އިރުމަތީ ކަނޑުގެ ސަރަހައްދުތަކުގައި މަހުގެ އާބާދީ ދަށް ވާން ފެށުމުން، ޗައިނާގެ މަސްބޯޓު ފަހަރު، އެހެން ސަރަހައްދުތަކަށް ވަންނަން ވަނީ ފަށާފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދާއި އެފްރިކާގެ އައްސޭރިފަށުގެ ސަރަހައްދު ހިމެނެއެވެ.