ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަން ނުވަތަ އެމްޖޭގެ ހަޔާތުގެ މައްޗަށް ބިނާ ތައްޔާރު ކުރާ ބައޮޕިކް ފިލްމެއްގެ މަސައްކަތް، އޮސްކާ އެވޯޑް ހާސިލު ކޮށްފައިވާ "ބޮހީމިއަން ރެޕްސަޑީ"ގެ ޕްރޮޑިއުސާ ގްރާމް ކިންގްއާއި "ގްލޭޑިއޭޓާ"ގެ ސްކްރީން ރައިޓާ ޖޯން ލޯގަން ގުޅިގެން ކުރަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ފިލްމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ލަޔަންސްގޭޓުން ކަމަށް، އެ ސްޓޫޑިއޯގެ ޗެއާ، ޖޯ ޑްރޭކް ވަނީ ހާމަ ކޮށްފައެވެ.

ލަޔަންސްގޭޓުން ބުނީ އެމްޖޭގެ ބައޮޕިކް ފިލްމު ވެގެންދާނީ، ދަތިތަކާއި ތަކުލީފުތަކުގެ ތެރެއިން ޕޮޕް ލަވައިގެ ރަސްގެފާނުގެ މަގާމު ކަށަވަރު ކުރުމަށް މައިކަލް ޖެކްސަން ކުރި މަސައްކަތްތައް ދައްކުވާދޭނެ ފިލްމަކަށް ކަމަށެވެ.

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ، މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި އުފެއްދުންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ. އެގޮތުން ދާދި ފަހުން ލޯންޗުކުރި ބްރޯޑްވޭ މިއުޒިކަލް، "އެމްޖޭ: ދަ މިއުޒިކަލް" އަށްވެސް ބޮޑު ތަރުހީބެއް ލިބޭ ކަން ފާހަގަ ކުރަން ޖެހެއެވެ.

އެމްޖޭގެ ބައޮޕިކާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް، އެކި މަގާމުތަކާ ރޯލުތަކަށް ހޮވާނީ އެވޯޑް ކަށަވަރު ކުރާނެ ވަރުގެ ތަރިން ކަމުގައި ގަބޫލު ކުރެވެއެވެ.

ބައޮޕިކް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ލޯގަން ވަނީ، ޖެކްސަންގެ އާއިލާއާ އެންމެ ފުރަތަމަ ބައްދަލުވީ 1981 ވަނަ އަހަރު ކަމަށާ، އޭރުވެސް އެ އާއިލާގެ ވާހަކަ، ސްކްރީނަށް ގެނައުމުގެ ޝައުގު އުފެދުނު ކަމަށެވެ.