އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އްވާ ޕްރައިމަރީގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ފަސް އިންތިހާބެއް ބޭއްވުމާ މެދު މަޝްވަރާކުރަން ނިންމާ، އިސްކަންދަރު ސްކޫލުގައި މި ބައްދަލުވުން މިރޭ 8:30 ގައި ފެށޭނެއެވެ.
މިރޭ މަޝްވަރާ ކުރަން އެޖެންޑާ ކޮށްފައި އޮތް އިންތިހާބު ތަކަކީ ރިޔާސީ ޕްރައިމަރީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ.
އެމްޑީޕީގެ އިންތިހާބުތަކުގެ ތެރެއިން ރިޔާސީ ޓިކެޓް ދޭ އިންތިހާބަކީ އެންމެ ގިނަބައެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައި އޮތް އިންތިހާބެވެ. އެ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމުގެ އިޝާރާތް ވަނީ ދެއްވާފައެވެ. ރައީސް ސޯލިހު ވިދާލުވެފައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އޮތް ކަމަށެވެ. ރައީސް ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން ފާޅުކަން ބޮޑުކޮށް އެތައް ފަހަރަކު ވިދާޅުވެފައެވެ.