ހައި ބްލަޑް ޕްރެޝާ ނުވަތަ ލޭގެ ޕްރެޝަރު މަތިވާ މީހުން، ޑޮކްޓަރީ ބޭހުގެ ގޮތުގައި ސިޓީގައި ލިޔެގެން ކަމުގައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ޕެރަސެޓަމޯލް ބޭނުން ކުރުމަކީ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރު ކުރުވާ ކަމެއް ކަމަށް ދިރާސާއެއް ބުނެފިއެވެ.

ޔުނިވާސިޓީ އޮފް އެޑިންބާގް ރީސަޗަރުން ވަނީ، ގިނަ މަސްތަކެއް ވަންދެން ޕޭޝަންޓަށް ޕެރަސެޓަމޯލް ލިޔެދޭ ޑޮކްޓަރުން، އެކަމުގައި އެ ޕޭޝަންޓަށް އޮތް ފައިދާއާއި ގެއްލުން ވަޒަން ކުރުމަށް ގޮވާލާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ބޮލުގައި ރިހުމާއި ހުން އައުން ފަދަ ކަންކަމަށް، ތަދު ކަނޑުވާ ބޭސް ބޭނުން ކުރުން ރައްކާތެރި ކަމަށްވެސް ރިސާޗަރުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ތަޖުރިބާކާރުން ވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން، ދިގު މުއްދަތަކަށް ދިރާސާ ކުރިއަށް ގެންގޮސްގެން ނަތީޖާ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ތަދު ކަނޑުވަން އާންމުކޮށް ބޭނުންކޮށް އުޅޭ ޕެރަސެޓަމޯލް / ފޮޓޯ: ޓީއެސް

ޕެރަސެޓަމޯލްއަކީ ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައި، ކުރު މުއްދަތަކަށް، މުޅި ދުނިޔޭގައިވެސް އާންމު ކޮށް ބޭނުން ކުރަމުން އަންނަ ބޭހެކެވެ. ނަމަވެސް ދާއިމީ ވޭން ތަހައްމަލު ކުރަން ޖެހިފައި ވާ މީހުންނަށްވެސް ޑޮކްޓަރު ސިޓީގައި ޖަހައިގެން މި ބޭސް ދީ އުޅެއެވެ. ދިގު މުއްދަތަކަށް މި ބޭސް ބޭނުން ކުރުމުގައި އޮތް ފައިދާތަކާ ބެހޭ މާ ބޮޑު ހެއްކެއްވެސް ނެތީހެވެ.

ސްކޮޓްލަންޑްގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮންމެ 10 މީހަކުން 1 އަށް، ޑޮކްޓަރު ސިޓީގައި ޖަހައިގެން ޕެރަސެޓަމޯލް ދީފައިވެއެވެ.

އިނގިރޭސިވިލާތުގައި ކޮންމެ 3 މީހަކުން 1 އަށް، ލޭ މައްޗަށް ދިއުމުގެ ތަކުލީފުތައް އުފުލަން ޖެހެއެވެ.

ދިރާސާގައި ބައިވެރިކޮށްފައި ވަނީ 110 މީހުންނެވެ. އޭގެ ތެރެއިން 3 ބައިކުޅަ 2 ބައި މީހުންނަކީ ހައިޕާޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުމުގެ ބައްޔަށް ބޭސް ބޭނުން ކުރާ މީހުންނެވެ.

ލޭގެ ޕްރެޝަރު ބަލަނީ / ފޮޓޯ: ޓުޑޭޝޯ

ދިރާސާގެ ބޭނުމަށްޓަކާ 2 ހަފުތާ ވަންދެން ކޮންމެ ދުވަހަކު 4 ފަހަރު ޕެރަސެޓަމޯލް ދިނެވެ. ކޮންމެ ފަހަރަކު 1 ގުރާމެވެ. މިއީ ދާއިމީ ތަދުތައް ހުންނަ މީހުންނަށް އާންމުކޮށް ދީ އުޅޭ މިންވަރެވެ. އެއާ ވިދިގެން އައި 2 ހަފުތާގައި ދިރާސާގެ ބައިވެރިންނަށް ދިނީ ޑަމީ/ޕްލަސީބީ ނުވަތަ އެއްވެސް ބުރަދަނެއް އެކުލެވިގެން ނުވާ ބޭސް ގުޅައެކެވެ.

ދިރާސާގެ ހޯދުންތަކުން ދެއްކި ގޮތުގައި، ޕްލަސީބޯ އަށްވުރެ ބޮޑަށް، ޕެރަސެޓަމޯލް ބޭނުން ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިޔައެވެ. މިއީ ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުމަށް މެދުވެރިވާ އެންމެ ނުރައްކާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ހާލަތްތަކެކެވެ.

ރިސާޗަރުން ވަނީ، ދާއިމީ ތަދުތަކަށް ޕެރަސެޓަމޯލް ލިޔެދޭއިރު ވީހާވެސް ކުޑަ ޑޯޒްއަކުން ފެށުމަށް ޑޮކްޓަރުންނަށް އިރުޝާދު ދީފައެވެ. އަދި ޕޭޝަންޓުގެ ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށްވެސް ބާރު އަޅާފައިވެއެވެ.

އެމެރިކާގެ ހަލީމް ކުލިނިކުގައި ޕޭޝަންޓެއްގެ ލޭގެ ޕްރެޝަރު ބެލުމުގައި މުސްލިމު، އަންހެން ޑޮކްޓަރަކު ހަރަކާތްތެރިވަނީ/ފޮޓޯ: ޓޯލްޑޯބްލޭޑް

ޔުނިވާސިޓީ އޮފް ލަންޑަންގެ ކްލިނިކަލް ފާމަކޮލޮޖީ އެންޑް ތެރަޕިއުޓިކްސް ލެކްޗަރަރު ޑރ ޑައިޕެންޑާ ޖިލް ވިދާޅުވީ، މިއީ މާނަ ފުން ހޯދުންތަކެއް ކަމަށާ، ނަމަވެސް ނޭނގޭ ބައިވަރު ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ޕެރަސެޓަމޯލްގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދާ ކަމަށް ބުނާއިރު، އެކަމަކުގެ ސަބަބުން ހިތުގެ ބަލިތަކުގެ ރިސްކު ބޮޑުވެދާނެ ކަން މުޅިން ކަށަވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިންބާ ޓީމުން ބުނީ ޕެރަސެޓަމޯލްގެ ސަބަބުން ލޭގެ ޕްރެޝަރު އުފުލެން ޖެހޭ ސަބަބުން ހޯދިފައި ނުވާ ކަމަށާ، ނަމަވެސް ދިރާސާގެ ހޯދުންތަކަކީ، ދިގު މުއްދަތަކަށް ޕެރަސެޓަމޯލް ލިޔެދިނުމުގެ ދާއިރާއިން އިތުރު މުރާޖައާތަކެއް ކުރަން ބާރު އަޅާ ކަމެއް ކަމަށެވެ.