މޮރޮކޯގެ ވަޅެއްގެ ތެރޭގައި ތާށިވި އުމުރުން 5 އަހަރުގެ ރަޔާން އޮރާމްގެ ޖަނާޒާ ބާއްވައިފިއެވެ.

104 ފޫޓުގެ ފުން، އަދި އިންތިހާ ހަނި ވަޅަށް، ރަޔާން ވެއްޓުނީ ފެބުރުއަރީ 1، 2022 ވަނަ ދުވަހުއެވެ. އެހާ ހިސާބުން ފެށިގެން އޭނާ ސަލާމަތް ކުރުމަށް ހިންގި އާދަޔާ ހިލާފު ބޮޑު އޮޕަރޭޝަން، 4 ދުވަހަށް ދެމިގެންދިޔައެވެ.

ފުން ވަޅަށް ރަޔާން ވެއްޓުނީ، އެ ވަޅުގެ މަރާމާތުގެ މަސައްކަތުގައި އޭނާގެ ބައްޕަ، މަޝްހޫލުވެ އުޅުނު ވަގުތު، ކުޑަ ހިނދުކޮޅަކަށް ރަޔާންއާ ދިމާއިން ނަޒަރު ކަސިޔާރުވީ ވަގުތުގައި ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

ފެބުރުއަރީ 1، 2022 ވަނަ ދުވަހު މޮރޮކޯގައި ފުން ވަޅަކަށް ވެއްޓުނު ރަޔާންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: މިޑްލްއީސްޓްއައި

ރަޔާން ސަލާމަތް ކުރުމަށް ހިންގި ރެސްކިއު އޮޕަރޭޝަނަށް ދުނިޔޭގެ ސަމާލުކަން ހުއްޓި، އެތައް ބައެއްގެ ހިތްތަކުން ރަޔާން ޖާގަ ހޯދިއެވެ.

ރަޔާންގެ އުފަން އަވަށުގައި ކުރިއަށް ގެންދިޔަ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދުގެ ގިނަ ކަމުން، ކަށު ނަމާދު ކުރިއަށް ދިޔަ ސަރަހައްދާ، ސަހަރާ ފުރި ބާރުވި ކަމަށް ހަބަރު ލިބެއެވެ.

ފެބުރުއަރީ 1، 2022 ވަނަ ދުވަހު މޮރޮކޯގައި ފުން ވަޅަކަށް ވެއްޓުނު ރަޔާންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޓްރިކްސްއެބިއާ

އެ އަވަށުން ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދެއްކި، އުމުރުން 50 އަހަރުގެ މީހަކު ބުނީ، ޖަނާޒާއެއްގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މަންޒަރު ފެނިފައި ނުވާ ކަމަށާ، ރަޔާންއަކީ ހުރިހާ އެންމެންގެވެސް ދަރިއެއް ކަމަށެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތުން ރަޔާން ވަޅުން ނެގުމާއެކު މުޅި ދުނިޔެ އުފާ ފާޅު ކުރަން ފެށިއެވެ. ނަމަވެސް އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ލިބިގެން ދިޔައީ ރަޔާންގެ މަރުގެ ހަބަރެވެ. އެއާއެކު، ހިތާމާގައިވެސް މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ.

ފެބުރުއަރީ 1، 2022 ވަނަ ދުވަހު މޮރޮކޯގައި ފުން ވަޅަކަށް ވެއްޓުނު ރަޔާންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ދި އިންޑިޕެންޑެންޓް

އާދީއްތަ ދުވަހު ކުރިއަށް ދިޔަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައިވެސް ރަޔާންގެ ހަނދާނުގައި، ހަމަ ހިމޭން ކަމުގެ ސުކޫތެއް ގެނައެވެ.