ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ހޯދުމަށް އިންޑިއާއިން ހިންގާ ކެމްޕެއިން ފުޅާ ކުރުމުގެ ގޮތުން، 1 ޑޯޒްގެ މައްޗަށް އެކުލެވޭ އާ ވެކްސިނަކަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ރުހުން ދީފިއެވެ.

ކޮވިޑް-19ގެ ކޭސްތައް ދަށަށް ދާން ފަށާފައި ވާ މި ދަނޑިވަޅުގައި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ރުހުން ދިން 1 ޑޯޒްގެ އާ ވެކްސިނަކީ ރަޝިއާއިން ތަރައްގީ ކޮށްފައި ވާ "ސްޕަޓްނިކް ލައިޓް" ވެކްސިންއެވެ. "ސްޕަޓްނިކް ލައިޓް" ބޭނުން ކުރުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދޫކޮށްފައި ވަނީ އެމާޖެންސީ އޮތޯރައިޒޭޝަންއެއް ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު، މަންސޫހް މަންޑާވިޔާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް، 1.7 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 76 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާއިރު، 99 ޕަސެންޓް މީހުން ވަނީ އެންމެ މަދުވެގެން 1 ޑޯޒް ޖަހާފައެވެ.

ޖެނުއަރީ 10، 2022 އިން ފަށައިގެން އިންޑިއާއިން ދަނީ ބޫސްޓާ ޑޯޒްވެސް ޖަހާ ދެމުންނެވެ. އިންޑިއާއިން ބޫސްޓާ ޑޯޒް ޖަހާ ދެނީ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިން ހިދުމަތްތެރިންގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުން ދާ މީހުންނަށެވެ.

އިންޑިއާއިން އެންމެ ފަހުން ހުއްދަ ދީފައި ވާ ސްޕަޓްނިކް ލައިޓް ކޮވިޑް ވެކްސިނަކީ، އިންޑިއާއިން މިދިޔަ އަހަރު ރުހުން ދިން ސްޕަޓްނިކް 5 ވެކްސިންގެ ކޮމްޕޯނަންޓެކެވެ. ސްޕަޓްނިކް ލައިޓްގައި ބޭނުން ކުރަނީ، ސްޕަޓްނިކް 5ގެ ފުރަތަމަ ޑޯޒްގައި ބޭނުން ކުރާ ކޮމްޕޯނަންޓެވެ. ސްޕަޓްނިކް ލައިޓް އުފެއްދި ރަޝިއާއިން ބުނާ ގޮތުގައި، މިއީ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ބޭނުން ކުރަން އެންމެ ރަނގަޅު ވެކްސިނެކެވެ.

އިންޑިއާއިން މިހާތަނަށް 7 ވެކްސިނަކަށް ރުހުން ދީފައި ވީ ނަމަވެސް، މިވަގުތު ޖަހައިދެމުން ދަނީ އެންމެ 3 ވެކްސިނެކެވެ. އެއީ ކޮވިޝީލްޑް، ކޮވެކްސިން އަދި ސްޕަޓްނިކް 5އެވެ.