މޮރޮކޯގެ ވަޅެއްގެ ތެރޭގައި ތާށިވި، އުމުރުން އެންމެ 5 އަހަރުގެ ރަޔާން އޮރާމް، ވަޅުން ނެގުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިޔާވެއްޖެއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ރެސްކިއު އޮޕަރޭޝަނަށް ފަހު، ރަޔާން ވަޅުން ނެގުނީ، އެ ވަޅުގައި އޭނާ ތާށިވިތާ 4 ދުވަސް ފަހުންނެވެ. އަނގައާ ދިމާލުން އިންތިހާ ހަނިކޮށް ހުރި އެ ވަޅުގައި، ރަޔާން ތާށިވެފައި އިނީ 104 ފޫޓު އަޑީގައެވެ.

މުޅި ދުނިޔެ އެ މަންޒަރުތަކެއް ބަލަމުން ދިޔަ ރެސްކިއު އޮޕަރޭޝަންގެ ތެރެއިން، ރަޔާން ނެގީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ވަޅު ތެރެއިން ރަޔާން ނެގުމާއެކު މުޅި ދުނިޔެ އެކަމާ އުފާ ފާޅު ކުރަމުން ދިޔައެވެ. އޭރު އޭނާގެ ހާލަތާ ބެހޭ އެއްވެސް ތަފްސީލެއް، ކަމަ ބެހޭ ފަރާތްތަކުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، ރަޔާން މަރުވެއްޖެ ކަމަށް ބުނެ، ރަސްމީ ބަޔާން އާންމު ކުރުމާއެކު، ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.

ރަޔާންގެ މަރުގެ ހަބަރާއެކު، މޮރޮކޯގެ ރަސްގެފާން މުޙައްމަދު 6 ވަނަ ވެސް ވަނީ، ރަޔާންގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

އިންތިހާ ހަނި ވަޅުގެ ތެރެއަށް ރަޔާން ވެއްޓުނީ މިދިޔަ އަންގާރަ ދުވަހު، އެ ވަޅުގެ މަރާމާތުގެ މަސައްކަތެއްގައި އޭނާގެ ބައްޕަ، މަޝްހޫލުވެ އުޅެނިކޮށެވެ. ރަޔާންގެ ބައްޕަ ބުނި ގޮތުގައި، ރަޔާންއާ ދިމާއިން ކަޅި ނައްޓާލި ވަގުތު، ޝާފްޓް ތެރެއިން އެ ކުއްޖާ ވަޅަށް ވެއްޓުނީއެވެ.

އެ ދުވަހުން ދުވަހަށް، ރަޔާން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އޭނާއަށް ބޭނުންވާ އޮކްސިޖަންއާ، ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާ ބެހޭ ފަރާތްތަކުން ކުރިއެވެ. ނަމަވެސް ރަޔާންއަށް އެތަކެތި ބޭނުން ކުރެވުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.