މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިންތިހާބަށް ނުފޫޒު ފޯރުވައި، އެމްޑީޕީއަށް ވޯޓު ހޯދުމަށް ފައިސާ ބަހަމުންދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީޕީއެމުން ބުނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި މ. އޮނިކްސް ކިޔާ ގެއެއްގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ފައިސާ ބަހާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ކެންޑިޑޭޓް ފޯކައިދޫ ވޯޓް ލާ މަރުކަޒު ސަރަހއްދުގައި ކެމްޕެއިން ކުރައްވައި ވޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

އިސްކަންދަރު ސްކޫލު ދޮރުމަތީގައި ތިބި ބައެއް މީހުން "ދަ ޕްރެސް" އަށް ބުނީ، ފައިސާ ބެހުމުގެ ކަންތައްތަކެއް ހެނދުނު ކުރި ކަމަށާއި ފުލުހުން އައިސް އެކަން ހުއްޓުވާފައި ވާ ކަމަށެވެ.

"ފައިސާ ބަހަނީ އެމްޑީޕީ މީހުން، ކޮންމެ މީހަކުވެސް ފައިސާ ބޭނުންވާނެ ދޯ، އެހެންވީމައި ނަތީޖާ ނޭނގެ ބުނާކަށް"
އިސްކަންދަރު ކުރިމަތީގައި ހުރި އާންމުންގެ މީހެއް

އިސްކަންދަރު ސަރަހައްދުގައި ޖަގަހައެއް ހަދައިގެން އެތަނަށް މީހުން ވެއްދުމަށް ފަހު ފައިސާ ބަހާ ކަމަށް ބުނެ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އިސްކަންދަރު ސްކޫލް، ވޯޓުލާ މަރުކަޒުގެ ބޭރުގައި އާންމުން އެއްވެފައި / ފޮޓޯ: ދަ ޕްރެސް

މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެއްވެސް އެއްޗެސް ބުނެފައެއް ނުވެއެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިން އިސްކަންދަރު ސަރަހައްދުގައި ހަރަކާތްތެރި ވާއިރު، މައި ދެޕާޓީގެ ސަޕޯޓަރުންގެ ވާދަވެރިކަން ފެންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ފައިސާ ބެހުން ފަދަ ކަމެއް ފާހަގަ ނުވާކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު ހެނދުނު 8 ޖެހީއްސުރެއް ފޯރީގައި ބައި އިލެކްޝަން އިންތިހާބު ކުރިއަށް ދާއިރު، މި އިންތިހާބުގައި ވާދަ ކުރާ ތިން ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވޯޓުލާ ސަރަހައްދުގައި އެބަ ހަރަކާތްތެރިވެއެވެ.

މިއަދު ހެނދުނު ފެށި ވޯޓްގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު 11:00 ޖެހުމާ ހަމައަށް މި އިންތިހާބަށް ވޯޓު ލާން ޝަރުތު ހަމަވާ 27 ޕަސެންޓް މީހުން ވޯޓުލާ ނިމިފައިވާ ކަމަށް އީސީން ބުނެއެވެ.