ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕާޓީތަކުން ކުރަމުން ދިޔަ ކެމްޕެއިންގެ ހަރަކާތްތައް ނިންމާލައިފިއެވެ.

އެހެންކަމުން، މިރޭ އިރުއޮއްސި 6 އިން ފެށިގެން ކެމްޕެއިން ކުރުމަކީ މަނާ ކަމެކެވެ.

މާދަމާ ހެނދުނު 8 ޖަހާއިރު ފަށާ އިންތިހާބުގައި ވާދަކުރަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީއާއި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިތުރުން، އެމްއެންޕީންނެވެ. ތިން ޕާޓީންވެސް ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މާލެއާއި ރަށްރަށުގައި ހަރަކާތްތައް ބާއްވާފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން، ދާއިރާގެ ތިން ރަށް ކަމަށްވާ ފޯކައިދުއާއި، ކޮމަންޑުއާއި، މަރޮށީގައި ހިނގާލުންތައް ބާއްވައި، ކޮމަންޑޫގައި ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެމްޑީޕީން މިއަދު ދާއިރާގެ ރަށްރަށުގެ ގޭގެއަށް ޒިޔާރަތްކުރި އިރު، އެމްއެންޕީން ވަނީ ތިން ރަށުގެ އިތުރުން، މާލޭގެ ޖަގަހައިގަވެސް ހަރަކާތްތަކާއެކު ސައެއް ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަނީ އިންތިހާބަށް ފުރިހަމައަށް ތައްޔާރު ކަމަށް

މާދަމާގެ ވޯޓުލުން 8 ޖަހާއިރު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވާއިރު، އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް "ދަ ޕްރެސް" އަށް މިއަދު ވިދާޅުވީ، އިންތިހާބަށް އެ ކޮމިޝަނުން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އެގޮތުން ވޯޓުލާ ހުރިހާ މަރުކަޒެއްވެސް މިއަދު 4:30 އިން ފެށިގެން ތައްޔާރުކޮށް ނިމިފައި ވާއިރު، އިއްޔެ ހުރިހާ ސާމާނެއްވެސް ގެންގޮސް ހަމަކޮށްފައިވާ ކަމަށެވެ.

މާދަމާގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ލުމަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ މާލޭގައި އިސްކަންދަރު ސްކޫލާއި ދާއިރާގެ ތިން ރަށުގައި ކޮންމެ ރަށަކު ދެ ފޮށްޓެވެ. އެ ދެ ފޮށީގެ ކަންކަން ބެލެހެއްޓުމަށް އިލެކްޝަންގެ އޮފިޝަލުންވެސް މިހާރު ވަނީ ފޮނުވާފައެވެ.

ފުވާދު ވިދާޅުވީ، އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތިއްޔާ މާދަމާ ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ހަމަ އެއާއެކު، ވޯޓުލުން ކުރިއަށް ދާ ވަގުތު ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށްވެސް ފުވާދު ވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ އަމަލެއް ކުރާނަމަ އެކަމެއް ހުއްޓުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުން މެދުވެރިކޮށް އެފަދަ ކަންކަން ހުއްޓުވާނަން. ފުރަތަމަ ކަމަކަށް ނަސޭހަތްތެރިވާނަން. އުންމީދު ކުރަނީ އެފަދަ ހާލަތަކަށް ނުގޮސް އިންތިހާބު އަމާންކަމާއެކު ނިންމާލެވޭނެ ކަމަށް." ފުވާދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 14 ގައި އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ އިތުރުން، މާދަމާ ތ. ވިލުފުށްޓާއި، ގއ. ގެމަނަފުށީގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުވެސް ކުރިއަށް ދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.