މި ހިނގާ 2022 ވަނަ އަހަރަށް އިންޑިއާގެ ދައުލަތުގެ ބަޖެޓް އެކުލަވާލީ އިންތިހާބުގައި އާންމުންގެ ތާއީދާއި މަގުބޫލުކަން ހޯދުމުގެ އަމާޒުގައި ނޫން ކަމަށާ، އިންޑިއާ ސަރުކާރުގެ އަމާޒަކަށް ވީ އިގުތިސޯދުގެ ހަމަޖެހުން ކަމަށް، އިންޑިއާގެ މާލީ ވަޒީރު، ނިރުމަލާ ސިތާރަމަން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދައުލަތުގެ ބަޖެޓް އިއުލާން ކޮށްފައި ވާ މި ދަނޑިވަޅަކީ އިންތިހާބުތަކެއްވެސް ބޯމަތިވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން 5 ސަރަހައްދެއްގައި ސްޓޭޓް އިލެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި، އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމުގައި ވާ އުއްތަރަ ޕްރަދޭޝްވެސް ހިމެނެއެވެ.

އިންތިހާބުތަކަށް ވަގުތު ކުޑަތަން ވަމުން އަންއިރު، އާބަދީގެ މަގުބޫލުކަން ހޯދުމަށް ސަރުކާރުތަކުން އަމާޒު ހިފުމަކީ އާންމު ކަމެއް ނަމަވެސް، އިންޑިއާގެ ދައުލަތުގެ ބަޖެޓުގެ މަގުސަދަކީ އެއީ ނޫން ކަމަށް ސިތާރަމަން ވިދާޅުވިއެވެ. އޭގެ ބަދަލުގައި އިންޑިއާގެ ސަރުކާރުން އަމާޒު ހިފާފައި އޮތީ ގައުމު ތަރައްގީ ކޮށް، އާ ވަޒީފާ އުފެއްދުމަށް ކަމަށްވެސް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި ފަގީރުންނަށް އެހީވުމަށްޓަކާ، އެ ގައުމުގެ ސަރުކާރުން ނުފުރޮޅާ ހަމަ އެންމެ ގާ ކޮޅެއްވެސް ނުބާއްވާނެ ކަމަށް ސިތާރަމަން ވިދާޅުވިއެވެ. ފަގީރުންގެ ކަންކަން ސަރުކާރުން ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް، ސީދާ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެފައި ވާ ކަމަށްވެސް އިންޑިއާގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ދައުލަތުގެ ބަޖެޓް އިއުލާން ކޮށްފައި ވަނީ ފެބުރުއަރީ 1، 2022 ވަނަ ދުވަހުއެވެ.