ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރާ ފާހަގައިން އެތެރޭގައި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ 21 މަސްވެރިއަކު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހަބަރު ލިބޭ ގޮތުގައި ލަންކާގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ކަމުގެ ކުށުގައި އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ 21 މަސްވެރިއަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2 ބޯޓެއްވެސް ހިފަހައްޓާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިންޑިއާގެ މަސްވެރިން ހޯދާ، ހައްޔަރު ކޮށްފައި ވާއިރު، މި މަސްވެރިން ބާނާފައި ވާ މަސްވެސް، ކަމާ ބެހޭ ފަރާތްތަކުން އަތުލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ މަސްވެރިން، ސްރީލަންކާގެ އަސްކަރިއްޔާގެ ފްލީޓަށްވެސް ހަމަލާތަކެއް ދިން ކަމަށް، ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަމުގެ ހަބަރެއް ނުލިބެއެވެ.

ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން މި ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ތެރެއިން ކަމަށް ވާއިރު، ހައްޔަރު ކުރި އިންޑިއާ މަސްވެރިންގެ އެންޓިޖެން ރެޕިޑް ޓެސްޓު ހަދަން ޖެއްސި ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއިން ދަނީ އެ ގައުމުގެ އާންމުން އިންތިހާއަށް ބަރޯސާވާ މަސްވެރިކަމުގެ ސިނާއަތާ، އެ ސިނާއަތާ ގުޅިފައިވާ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.