2017 ވަނަ އަހަރަށް ފަހު އުތުރު ކޮރެއާއިން އުދުއްސާލި އެންމެ ވަރުގަދަ މިސައިލުން ނަގާފައި ވާ ކަމަށް އެ ގައުމުން ބުނާ މަންޒަރުތަކެއް، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އާންމު ކޮށްފިއެވެ.

މި މަންޒަރުތަކުން ފެންނަނީ، އުތުރު ކޮރެއާ ހިމެނޭ ޕެނިންސިއުލާގެ މަންޒަރުތަކެވެ.

އުތުރު ކޮރެއާއިން އާދީއްތަ ދުވަހު އުދުއްސާލި މިސައިލާ ގުޅިގެން ޖަޕާނާއި ދެކުނު ކޮރެއާއިން ބުނީ، ޖަޕާން ކަނޑަށް އެ މިސައިލް ވެއްޓުމުގެ ކުރިން، ދުނިޔޭގެ ބިމުގެ ސަތަހައިން ފެށިގެން 2000 ކިލޯމީޓަރު އުހަށް، އެ މިސައިލް އަރައިގެން ދިޔަ ކަމަށެވެ. އަދި 30 މިނެޓެއް ހާއިރު ވަންދެން މިސައިލް އުދުހުނު ކަމަށާ، 800 ކިލޯމީޓަރުގެ ރާސްތާއަކަށް މިސައިލް ދަތުރު ކުރި ކަމަށްވެސް ޖަޕާނާއި ދެކުނު ކޮރެއާގެ އޮފިޝަލުން ލަފާ ކުރައްވާފައެވެ.

މިއީ މި ޖެނުއަރީ މަހު އުތުރު ކޮރެއާއާއިން ކުރި 7 ވަނަ މިސައިލް ޓެސްޓަށް ވާ އިރު، ދެކުނު ކޮރެއާއާއި ޖަޕާނުންވެސް ވަނީ މި އަމަލު ކުށްވެރި ކޮށްފައެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޭސީއެންއޭއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ފޮޓޯތައް ނަގާފައި ވަނީ، އުދުއްސާލި މިސައިލްގައި ހަރުކޮށްފައި ވާ ކެމެރާއަކުންނެވެ.

ބެލިސްޓިކް މިސައިލާއި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމަކީ، އދއިން އުތުރު ކޮރެއާއަށް މަނާ ކޮށްފައި ވާ ކަމެކެވެ. އަދި އެކަމަކާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް ތަންފީޒު ކުރަމުން ދާ ކަމެކެވެ. ނަމަވެސް، އެކަމަށް އުތުރު ކޮރެއާއިން ދެނީ ބީރު ކަންފަތެކެވެ. އުތުރު ކޮރެއާއިން ވަނީ،އެ ގައުމުގެ ސަލާމަތުގެ ދިފާއުގައި ކޮންމެ ކަމެއް ކުރާނެ ކަމަށްވެސް އިޝާރާތް ކޮށްފައެވެ.