2017 ވަނަ އަހަރަށް ފަހު އުތުރު ކޮރެއާއިން މިހާތަނަށް ޓެސްޓުކުރި އެންމެ ވަރުގަދަ މިސައިލް ޓެސްޓު ކޮށްފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ދެކުނު ކޮރެއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިން މިސައިލް ޓެސްޓު ކޮށްފައި ވަނީ ޖީއެމްޓީ ގަޑިން 22:52 ގައެވެ.

ޖަޕާން، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވަނީ މި ޓެސްޓު ކުށްވެރި ކޮށްފައެވެ. މިއީ މި ޖެނުއަރީ މަހުގެ ތެރޭގައި އުތުރު ކޮރެއާއިން ޓެސްޓު ކުރި 7 ވަނަ މިސައިލް ކަމަށް މައުލޫމާތު ލިބެއެވެ.

އދއިން ވަނީ ބެލިސްޓިކް މިސައިލްއާއި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން، އުތުރު ކޮރެއާއަށް މަނާ ކޮށްފައެވެ. އަދި އުތުރު ކޮރެއާ ދެކޮޅަށް، ދަތިކުރުމުގެ ފިޔަވަޅުވެސް ތަންފީޒު ކުރެއެވެ.

ނަމަވެސް، މި މަނާ ކުރުމަކަށް އުތުރު ކޮރެއާއިން މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. އޭގެ ބަދަލުގައި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ވަނީ، އޭނާގެ ގައުމުގެ ދިފާއު ވަރުގަދަ ކުރައްވަން ވައުދުވެވަޑައިގެންފައެވެ.

ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ބުނީ، އުތުރު ކޮރެއާއިން މިއަދު ޓެސްޓު ކޮށްފައި ވަނީ، އިންޓަމީޑިއޭޓް ރޭންޖުގެ ބެލިސްޓިކް މިސައިލެއް ކަމަށެވެ. މިއީ ނޮވެމްބަރު 2017 އަށް ފަހު އުތުރު ކޮރެއާއިން ޓެސްޓު ކުރި އެންމެ ވަރުގަދަ މިސައިލަށް ވާނެއެވެ.