ކުރީގެ ރައީސް އަބްދުﷲ ޔާމީނާ "ދެން ނުކުޅެވޭނެ ކަމަށާއި އަދި ޖަލަށް ވެސް ދެން ނުލެވޭނެ" ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން ރައީސް ޔާމީން ހައްޔަރު ކުރަން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ކޮަމަންޑޫގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުން މިހާރު ބޭނުން ވަނީ އެމްޑީޕީގެ ވެރިކަން ނިންމާ، ރައީސް ޔާމީން ވެރިކަމަށް ގެންނަން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަމާޒުކުރައްވައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހަށިކޮޅަކު ދެން އަތެއް ނުލެވޭނެ ކަމަށެވެ.

ހަސަން ލަތީފެއް ކަމަކު ވެސް އެކަމެއް ނުކުރެއްވޭނެ. ޔާމީންގެ ގައިގައި ދެނެއް އަތެއް ނުލެވޭނެ. ދެނެއް ރައީސް ޔާމީން ޖަލަކަށް ވެސް ނުލެވޭނެ. ޝިފާޒަށް ވެސް ދަންނަވާލަން ބޭނުން ވަނީ ދެން އެކަމެއް ނުކުރެވޭނެއޭ
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ރޭގެ ޖަލްސާގައި އަދުރޭ ވަނީ އެމްޑީޕީ އަކީ ހެޔޮވެރިކަން ކުރަން ދަންނަ ބައެއް ނޫން ކަމަާއި ހެޔޮ ވިސްނުމެއް ވެސް ނެތް ބަޔެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އިހްމާލު ވެފައިވާ ކަމަަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރަކުން ކަމެއް ކޮށްދީފައި އޮތް ނަމަ އެކަމެއް ކޮށްދިނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

މި ކޮމަންޑޫ މި ތާނގައި އޮތީ ކުރިން ވެސް. ކޮން ކަމެއްތޯ ކޮށްދިނީ. މި ތިބީ ކޮމަންޑޫ ރައްޔިތުން. މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާފޮއްޗެއް ވެސް ބޭއްވިތޯ މި ރަށުގައި ތަރައްގީގައި. ނުބާއްވާ. މި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތީ ބިން ހިއްކުން. އެކަން ކޮށްދެއްވީ ރައީސް ޔާމީން
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަދުރޭ ވަނީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ހަރަކާތްތައް، އެ ގޮނޑިއަށް ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ.