ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އާ އެއްގޮތް ސިފަތަކެއް ލިބިފައިވާ އާ ވައިރަހެއް ދެކުނު އެފްރިކާއިން ފެނިފައި ވާ ކަމަށް ޗައިނާގެ ވޫހާންގެ ސައެންސްވެރިން އިންޒާރު ކޮށްފައި ވާ އިރު، ނިއޯކޮވްގެ ނަން ދީފައި ވާ މި ވައިރަހާ ގުޅޭ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުތަނަވަސްކަމުގައި ދުނިޔެ ހާސް ކުރަމުންދާތާ 2 އަހަރު ދުވަސް ފާއިތުވެފައި ވަނިކޮށް، ފުރާނައަށް އިންތިހާ ނުރައްކާ ނިއޯކޮވްގެ އިންޒާރު، ކޮވިޑް-19ވެސް ފެންމަތިވި ވޫހާންއިން ދިނުމާއެކު މީޑިއާގެ ސަމާލުކަން އެ ކަމަށް ހުއްޓުނެވެ. ވޫހާންގެ ރިސާޗަރުން ބުނާ ގޮތުގައި ނިއޯކޮވް ފެނިފައި ވަނީ ދެކުނު އެފްރިކާގެ ވާލުގެ އާބާދީއިންނެވެ.
ނިއޯކޮވްއަކީ މިއުޓޭޓް ވުމުގެ ބާރު ފޮރުވިފައިވާ ވައިރަހެއް ކަމަށް ވޫހާންގެ ރިސާޗަރުން ބުނި ނަމަވެސް، ޑަބްލިއުއެޗްއޯއިން ވަނީ، ވައިރަސް ބަދަލުވުމަށް އޮތް ފުރުސަތުތަކުގެ އިތުރު ތަފްސީލު ބޭނުން ވާ ކަމަށް ބުނެފައެވެ. ވޫހާން ޔުނިވާސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި، ނިއޯކޮވްއަކީ، ސާސްކޮވް-2 ފަދައިން، އިންސާނުންގެ ހަށިގަނޑުގެ ސެލްތަކަށް ވަނުމުގެ ބާރު ލިބިފައިވާ ވައިރަހެކެވެ. އަދި އިންސާނުންނަށް މި ވައިރަހުގެ ނުރައްކާ ބޮޑުވުމަށް، ވައިރަހަށް އަންނަންޖެހޭނީ އެންމެ ބަދަލެއް ކަމުގެ އިންޒާރުވެސް ސައެންސްވެރިން ވަނީ ދީފައެވެ.
ނިއޯކޮވްގައި މީހުން މަރުވާނެ ގޮތް ލަފާ ކުރަމުން ޗައިނާގެ ރިސާޗަރުން ވަނީ، މި ވައިރަހަށް އިންފެކްޓްވާ ކޮންމެ 3 މީހަކުން 1 މަރުވާނެ ކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާގެ ހަބަރު ފަތުރާ ސްޕަޓްނިކްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ނިއޯކޮވް އެންމެ ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާއިންނެވެ. އަދި މިއީ މާސްކޮވް އާއިލާއާ ގުޅުން އޮތް ވައިރހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. މާސްކޮވް ރޯގާއަކީ، 2012 އާއި 2015 ވަނަ އަހަރާ ދެމެދު، މެދުރިއުމަތީގެ ގައުމުތަކުން ފެނުނު ރޯގާއެކެވެ.