ކުޑަކުދިންގެ ލަވައެއް ކަމަށްވާ "ބޭބީ ޝާކް" ލަވަ ޔޫޓިއުބުގައި އާ ރިކޯޑެއް ގާއިމު ކޮށްފިއެވެ.

2016 ވަނަ އަހަރު ނެރުން ކޮރެއާގެ މި ލަވައަށް މިހާތަނަށް ޖުމްލަ 10.6 ބިލިއަން ވިއުސް ލިބިފައި ވާއިރު މިއީ މުޅި ޔޫޓިއުބުގެ ތާރީހުގައިވެސް ލަވައަކަށް 10 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބުނު ފުރަތަމަ ފަހަރެވެ.

"ބޭބީ ޝާކް"ގެ ކުރިން ޔޫޓިއުބުގައި އެންމެ ގިނަ ވިއުސް ލިބިފައިވާ ލަވައިގެ މަގާމުގައި އޮތީ 2017 ވަނަ އަހަރު ލެޓިން އެމެރިކާގެ ލުއިސް ފޮންސީ ނެރުނު ލަވަ "ޑެސްޕަސީޓޯ"އެވެ. އެ ލަވައަށް ވެސް މިހާތަނަށް އައި އިރު 10 ބިލިއަން ވިއުސް ލިބިފައި ނުވާއިރު އެ ލަވައަށް ލިބިފައިވަނީ ޖުމްލަ 7.71 ބިލިއަން ވިއުސްއެވެ.

އެންމެ ގިނަ ވިއުސް ލިބިފައިވާ މަގާމު ގެއްލުނު ނަމަވެސް "ޑެސްޕަސީޓޯ" މިލަވައަކީ އަދިވެސް ޔޫޓިއުބުގައި އެންމެ ގިނަ ލައިކްސް ލިބިފައިވާ ލަވައެވެ. މި ލަވައަށް 47 މިލިއަން ލައިކްސް ލިބިފައިވާއިރު "ބޭބީ ޝާކް"އަށް ލިބިފައިވަނީ 33 މިލިއަން ލައިކްސްއެވެ.

އެންމެ ގިނަ ވިއުސް ލިބިފައިވާ އިތުރު ލަވަތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ވެސް މަޝްހޫރު ބައެއް ލަވަތައް ކަމަށްވާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" އަދި ވިޒް ޚަލީފާގެ "ސީ ޔޫ އެގެއިން" ހިމެނެއެވެ.

"ބޭބީ ޝާކް" މި ލަވަ ވަނީ މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު ކުޑަކުދިންގެ ވީޑިއޯ ލަވައިގެ މަގާމުވެސް ހޯދާފައެވެ.