ބަނގުރޫޓުވެފައި ވާ އިންޑިއާގެ ގައުމީ އެއާލައިން (އެއާ އިންޑިއާ)، އޮކްޓޯބަރު 2021 ގައި ގަތް ޓާޓާ ގުރޫޕާ ރަސްމީކޮށް ހަވާލު ކޮށްފިއެވެ.

އެއާ އިންޑިއާގެ ދަރަންޏާ ގުޅޭ ކަންކަމަށް އިންޑިއާ ސަރުކާރުން ދިން ލުއިތަކަށް ފަހު، ޓާޓާ ކުންފުނިން ވަނީ އެއާ އިންޑިއާ ގަތުމަށް، ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު ދައްކާފައެވެ.

1932 ވަނަ އަހަރު، އެންމެ ފުރަތަމަ އެއާ އިންޑިއާ އުފެއްދީވެސް ޓާޓާ ކުންފުނިންނެވެ. އިންޑިއާ ސަރުކާރުން އެއާ އިންޑިއާ ނެގީ 1953 ވަނަ އަހަރުއެވެ.

އެއާ އިންޑިއާގެ ހުރިހާ ކަމެއް ރަސްމީކޮށް ޓާޓާ ގުރޫޕާ ހަވާލު ކުރުމާއެކު، އެ އެއާލައިން ވިއްކާލުމަށް އިންޑިއާ ސަރުކާރުން އެތައް އަހަރެއް ވަންދެން ކުރި މަސައްކަތަށް ނިންމުން އައީއެވެ. އެއާ އިންޑިއާއަށް ލިބިފައި ވާ ގެއްލުމުގެ އަގު، 9.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި، އެއާލައިން އޮޕަރޭޓް ކުރަމުން ދިޔައީ ކޮންމެ ދުވަހަކުވެސް 2.6 މިލިއަން ޑޮލަރުގެ ގެއްލުމުގައެވެ.

ބަނގުރޫޓުވެފައި ވާ އެއާ އިންޑިއާއާ ރަސްމީކޮށް ހަވާލު ވުމުގެ ކުރިން، ޓާޓާ ގުރޫޕުގެ ޗެއާމަން، ނާތަރަޖަން ޗަންދްރަސޭކަރަން ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާ ބައްދަލު ކުރައްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއާ އިންޑިއާގެ މިހާރުގެ ޑައިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މިއާއެކު އާ ބޯޑެއް އެކުލަވާލުމުގެ ފުރުސަތު، ޓާޓާ ގުރޫޕަށް ވަނީ ތަނަވަސްވެފައެވެ.

ޓާޓާ ގުރޫޕުން އެއާ އިންޑިއާއާ ރަސްމީކޮށް ހަވާލުވިނަމަވެސް، އެ އެއާލައިންހުން އުދުހެމުން ދާނީ ޓާޓާ ގުރޫޕުގެ ދިދައިގެ ދަށުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

އެއާ އިންޑިއާގެ ބައެއް އެސެޓްތަކަށް ބަލާއިރު ލަންޑަންގެ ހީތުރޯ އެއާޕޯޓްގެ އަގުހުރި ސްލޮޓްތަކުގެ އިތުރުން، 130 އަށް ވުރެ ގިނަ މަތިންދާބޯޓާ، ތަމްރީނު ވެފައި ތިބި އެތައް ހާސް ޕައިލެޓުންނާއި ކުރޫ ފާހަގަ ކުރަންޖެހެއެވެ.