ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އިންޑިއާގައި މުސްލިމުންނާ ދެކޮޅު އޮއެވަރު ގަދަވަމުން އަންނަ މި ދަނޑިވަޅުވަގައި، އިންޑިއާގެ ހިންދޫއިން ދާދި ފަހުން ބޭއްވި ކޮންފަރެންސްގައި، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަން ގޮވާލި ވާހަކައަކީ މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ވާހަކައެކެވެ.

މިދިޔަ މަހު ހަރިދްވާރުގައި ހިންދޫ ލީޑަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން އެއްވެގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދެއްކި އެކި މީހުން ވަނީ، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމަކަށް ތައްޔާރު ވުމަށް ގޮވާލާފައެވެ. އެގޮތުން، ހިންދޫންގެ ތެރެއިން 100 އެއްހާ މީހުން ލަޝްކަރު ހަދާ، 2 މިލިއަނެއްހާ މީހުން މަރާ، ކާމިޔާބު ހޯދުމަށް ހިންދޫ އާންމު މަޖިލީހުގެ ސާދުވީ އަންނަޕޫރުނާ މާ ގޮވާލާފައި ވެއެވެ.

މި މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވާއިރު، މުސްލިމުން ގަތުލު ކުރުމަށް ހިތްވަރު ދިން މީހުން ހައްޔަރު ކުރުމަށްވެސް އެކި މީހުން ދަނީ ގޮވާލަމުންނެވެ. 2 މީހަކު ހައްޔަރު ކޮށްފައި ވާ އިރު، އެހެން މީހުން އަދިވެސް އުޅެނީ މިނިވަނުންގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އާބާދީގެ ނިސްބަތުން ބައި މަދު މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ ރޫހު، އެ ގައުމުގައި ގަދަ ވަމުން އަންނައިރު، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އދ ގެ ސާލަމަތީ މަޖިލީހުން ތެދުވަން ޖެހޭ ކަމަށް އދ ގެ ކުރީގެ އިސް އޮފިޝަލު، ހުއާން އީ މެންޑޭޒް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން މެންޑޭޒް ވިދާޅުވީ، ވަގުތު ފާއިތުވުމުގެ ކުރިން ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު އަދާ ކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އދ ގެ އާންމު މަޖިލިސް، ސަލާމަތީ މަޖިލިސް އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އަވަސް އިޖާބައެއް ދޭން ޖެހޭ ކަމަށް މެންޑޭޒް ވިދާޅުވިއެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެ ދިވެހިންގެ އެކުވެރި އަވަށްޓެރިޔާގެ ގޮތުގައި ސިފަކުރަމުން އައި ގައުމެކެވެ. އަދުގެ ސަރުކާރުގެ ވެރިކަމުގައި އެ އަޑު ވަކިން ގަދައެވެ، ދިވެހިރާއްޖެއަށް އެކި ގޮތް ގޮތުން އެހީ ފޯރުކޮށްދޭ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އޮތް ކަމީ ސަރުކާރުން ކުރަހާ ދެމުން އަންނަ ތަސްވީރެކެވެ. ހަމަ މި ނޯޓުގައި އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވީ ދިވެހި ސަރުކާރުގައި ހާރިޖީ ވަޒީރު ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދުކަން ފާހަގަ ކުރަން ޖެހެއެވެ.

ކަން މިހެން އޮތް އިރު، މިކަމުގައި ދިވެހި ސަރުކާރުން އަދި އެއްޗެއް ބުނާ އަޑެއް ނީވެއެވެ. ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އިންޑިއާގައި، އިންޑިއާގެ ހިންދޫއިން މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަން ގޮވާލި ގޮވާލުމާ ގުޅިގެން އެކަމުގައި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން ކުރި ސުވާލުގެ ޖަވާބުގައި، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުހައްމަދު ވިދާޅުވީ، "އެކަމަށް އަދި ކޮމެންޓް ކުރެވެން ނެތް" ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމުގެ ލަގަބު ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އިންޑިއާގައި، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ފެށިދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ވާ ގްރެގަރީ ސްޓޭންޓަންވެސް ވަނީ ދެއްވާފައެވެ.

ގްރެގަރީ ސްޓޭންޓަން އަކީ 1994 ވަނަ ރުވާންޑާގައި ގަތުލުއާންމު ހިންގުމުގެ ކުރިން، އެ ގައުމުގައި އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިންޒާރު ދެއްވި ތަޖުރިބާކާރެވެ.

ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަމުގައި، އިންޑިއާއަކީ މުސްލިމުންނަށް އެންމެ ނުރައްކާ އެއް މަންޒިލް ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އިއްތިފާގުވާ ކަމީ، ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ޖިސްމާނީ، ނަފްސާނީ އަދި އިގުތިސޯދީ ގޮތުން މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ ޖަރީމާތަކުގެ ވާހަކަތައް ކޮންމެ ދުވަހަކުމެހެން މީޑިއާއަށް ތިލަވެއެވެ.