ޖައްވީ ރޭހުގައި ކުރި ހޯދުމަށް އަތުކުރި އޮޅާލައިގެން ހުރި މަހުޖަނު، އީލޯން މަސްކުގެ ޖައްވީ ރޮކެޓް މިސްރާބު ޖަހާފައި ވަނީ ހަނދުގައި ޖެހި، ގޮވުމާ ދިމާއަށް ކަމަށް ހަބަރު ލިބިއްޖެއެވެ.

މަސްކުގެ ސްޕޭސް އެކްސް ކުންފުނިން "ފެލްކަން 9" އުދުއްސާލީ 2015 ވަނަ އަހަރުއެވެ. މިޝަން ނިންމާލުމަށްފަހު، އަނބުރާ ބިމަށް ދަތުރު ކުރުމަށް ބޭނުންވާ ވަރަށް އެ ރޮކެޓްގައި ހަކަތަ ނެތުމުގެ ސަބަބުން، ފާއިތުވީ ދުވަސްތައް ހޭދަ ކުރީ ޖައްވު ތެރޭގައެވެ.

ޖައްވީ ތަޖުރިބާކާރު ޖޮނަތަން މެކްޑޮވެލް ވިދާޅުވީ، މި ހާދިސާ ވެގެން ދާނީ، ކޮންޓްރޯލުން ނެއްޓިފައި ވާ ރޮކެޓެއް ހަނދުގައި ޖެހޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ހާދިސާގެ ސަބަބުން ކުރާނީ ކުޑަ އަސަރެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މެކްޑޮވެލް ވިދާޅުވީ "ފެލްކަން 9" އަކީ "މަރުވެފައިވާ" ރޮކެޓެއް ކަމަށާ، ޖައްވު ތެރޭގައި އެކި ކޮޅުކޮޅަށް އެ ރޮކެޓް ދުވަނީ ގްރެވިޓީގެ ބާރުގައި ކަމަށެވެ.

ކޮންޓްރޯލް ގެއްލި، ފާލުން ނެއްޓިފައި ވާ "ފެލްކަން 9"، ހަނދުގައި ޖެހޭނީ މާޗް 4، 2022 ގައި ކަމަށް ލަފާ ކުރެވެއެވެ. އަދި ހަނދުގައި ޖެހުމާއެކު ރޮކެޓް ގޮވާނެ ކަމަށްވެއެވެ. މީގެ އިތުރުން، ހަނދުގައި، މަސްނޫއީ ވަޅުގަނޑެއް އުފެދޭނެ ކަމަށްވެސް މެކްޑޮވެލް ވަނީ ވިދާޅުވެފައެވެ.

"ފެލްކަން 9" ހަނދުގައި ޖެހެން ދާ ކަން ލަފާކޮށް، އެކަން ހާމަކުރީ ނޫސްވެރިޔާ އެރިޖް ބާޖާއާއި ޑޭޓާ އެނަލިސްޓް ބިލް ގްރޭއެވެ. ދުނިޔެއާއި ކައިރިން ޖައްވު ތެރޭގައި ދަތުރުކުރާ އެއްޗިހި ދެނެގަންނަ ސޮފްޓްވެއާއެއް ގެންގުޅޭ ގްރޭ ވަނީ، ޖެނުއަރީ 5 ވަނަ ދުވަހު، މި ރޮކެޓް، ދުނިޔެއާ ގާތުން ދަތުރުކުރި ކަމަށް ވެސް ބުނެއެވެ. އަދި މި ރޮކެޓް ހަނދުގައި ޖެހޭނީ، ދުނިޔެއާ ވީ ފަރާތުން ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ފެލްކަން 9"ގެ ސަބަބުން އިންޑިއާއާއި އެމެރިކާގެ ޖައްވީ އުޅަނދުފަހަރަށްވެސް ނުރައްކާ އޮތް ކަމަށް ހަބަރު ލިބެއެވެ.