ކާބޯތަކެތީގެ ރައްކާތެރިކަމާ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ، ޖީން-އެޑިޓް ކޮށްގެން ނުވަތަ އަސްލު ޖީންއަށް ބަދަލު ގެނެސްފައިވާ ގަސްގަހާގެހި ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރުމުގެ ތަހުލީލީ އުސލުތައް، ޗައިނާއިން ޝާއިއު ކޮށްފިއެވެ.

ޖީން އެޑިޓްކޮށްގެން ގަސްގަހާ ގެހީގެ އުފެއްދުންތެރިކަން ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ، ޖީން މޮޑިފައި ކޮށްގެން އެ ބަދަލު ގެނައުމަށް ވުރެ ނުރައްކާ ކުޑަ ގޮތެއް ކަމަށް ބައެއް ސައެންސްވެރިން ގަބޫލު ކުރެއެވެ. ނަމަވެސް ޗައިނާއިން ދާދި ފަހުން ޖީން މޮޑިފައި ކޮށްފައި ވާ މުޑުވައްތައް ބޭނުން ކުރުމުގެ ގަވައިދަށްވެސް ރުހުން ދީފައެވެ.

ޖީން އެޑިޓްކޮށްފައި ވާ ގަސްގަހާގެހީގެ ދަނޑުވެރިކަމާ ދިމާއަށް ހަލުވި ދުވެލީގައި ޗައިނާއިން މިސްރާބު ޖަހާފައި ވާ އިރު، މިއީ އެހެން ގައުމުތަކުންވެސް ވިސްނާ، ފިކުރު ހިންގަމުން ދާ ދާއިރާއެކެވެ. ވިލާތާއި އެމެރިކާއިންވެސް ދަނީ މި ރޮނގުން ދިރާސާތަކެއް ކުރަމުންނެވެ. ނަމަވެސް، މި ރޮނގުން އެންމެ ގިނަ އަދަދެއްގެ ދިރާސާތައް އާންމު ކޮށްފައި ވަނީ ޗައިނާކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ޖީން އެޑިޓްކޮށްފައިވާ މުޑުވަކުން ދަނޑުބިންތައް ހެއްދުމަކީ އާންމު އުސޫލާ އަޅާ ބަލާއިރު، އުފެއްދުންތެރިކަމަށް ހިނގާ ހަރަދު ކުޑަ ގޮތެއް ކަމަށް މައުލޫމާތު ލިބެއެވެ. ޖީން އެޑިޓްކޮށްފައިވާ މުޑުވަކާ ގުޅިގެން ޗައިނާއިން އާންމު ކޮށްފައިވާ ގަވައިދާއެކު، މިމަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ، ކުރިއަށް އޮތް އަހަރެއް ނުވަތަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މި ފަދަ ގަސްގަހާގެއްސަށް ހުއްދަ ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދިރާސާއަށްޓަކާ ޗައިނާގެ ސައެންސްވެރިން ބޭނުން ކުރީ ޖީން އެޑިޓް ކޮށްފައި ވާ ލެޓިއުސް ފަތާއި، ހަނޑޫ ކަމަށް ހަބަރު ލިބެއެވެ. ޗައިނާގެ އަމާޒަކީ ބޭރުގެ އުފެއްދުންތަކަށް ބަރޯސާވުން ވީހާވެސް ކުޑަ ކުރުމެވެ.