ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސައޫދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަ-ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މޮޣައިދީ ހަތް ދުވަހުގެ ރަސްމީ ދަތުރެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.

އެ ދަތުރުގައި ރާއްޖެއަށް ވަޑައިގަތުމަށް ފަހު، އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އެމްއެންޑީއެފްގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް މިއަދު ބާއްވާފައިވެއެވެ.

މިނިސްޓަރު މާރިޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި އެ ޖަމިއްޔާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ސާފުކޮށްދޭނެ އިލްމުވެރިންނާއި ޓެރަރިސްޓު ހަމަލައަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން އެ މަސައްކަތް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން، މޭޖާ ޖެނެރަލް ޝަމާލްގެ އަރިހަށްވެސް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މިއަދު ޒިޔާރަތް ކުރައްވާފައިވެއެވެ. އެގޮތުން ޝަމާލްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ޓެރަރިޒަމާއި، ހައްދުފަހަނަ އަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ސައޫދީގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ސެންޓަރުގައި ތިބި އެމްއެންޑީއެފްގެ ސިފައިންގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޝަމާލަށް ޝުކުރު ދަންނަވާފައެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އިސްލާމީ ގައުމުތަކުން ގުޅިގެން 2015 ގައި އުފައްދާފައިވާ އައިއެމްސީޓީސީގައި 41 ގައުމަކުން މިހާތަނަށް ބައިވެރިވެފައިވެއެވެ.