ކޮވިޑްގެ 4 ވަނަ ރާޅު ބިންދައިލައިފައި ވާ މި ދަނޑިވަޅުގައި ބަލީގެ ނުރައްކާ ވަކި އުމުރެއް ނެތި އެންމެނަށް އޮތް އިރު ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތުމަކީ ކަންބޮޑުވާ ވަރުވެ މައްސަލައެކެވެ. ކޮވިޑްގައި ޒުވާން މަރެއްގެ ހަބަރު ލިބޭ ކޮންމެ ފަހަރަކު މި އިންޒާރުގެ ރަނގަބީލުގެ އަޑު ގަދަވެއެވެ. މިއަދުވެސް އަލިވިލުނީ މިފަދަ ގޮތަކަށެވެ. ކޮވިޑް ބަލީގައި އިއްޔެ މަރުވި ގއ. މާމެންދޫ، ފުރުކުމާގެ، އުމުރުން 25 އަހަރުގެ އައިޝަތު އިފާޒާ މަރުވި ހަބަރާއެކު ގިނަ ބަޔަކަށް ސިހުން ގެނުވިއެވެ.

އެ މަރަކީ ކޮވިޑް މަރަކަށް ވީއިރު، އެ ޒުވާނާ ދިޔައީ ކިޑްނީ ފެއިލްވެ ޑޯނަރެއް ލިބި އޮޕަރޭޝަން ކުރުމަށް މާލީ ގޮތުން ބޮޑު ހަރަދުތަކެއް ހިނގާތީ އެހީއަށްވެސް އެދެމުންނެވެ. އިފާޒާގެ މަރާއެކު ގިނަ ބަޔަކު ހާސް ކޮށްލިއިރު، އޭނާގެ ގާތް އެކުވެރިއަކު ފޭސްބުކްގައި ކުރި ޕޯސްޓުން ގިނަ ބަޔަކު ރޮއްވާލައިފިއެވެ. އިފާޒާގެ އެކުވެރިޔާ ޝަހާމާ ލަތީފް، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ، 2020 ގައި، ގައުމީ ޔުނިވާސިޓީގެ ދޮރުން ވަނުމާއެކު އޭނާ އާ އެކު ކިޔެވުމާއި އެހެނިހެން ކަންކަމުގައި ވެސް އިފާޒާ އަކީ ދެގޮތެއް ނުވެ ކައިރީގައި ހުރި އެކުވެރިއެއް ކަަމަށާއި ކޮންމެ ކަމެއްގައިވެސް އެދުވަހު ހިތްވަރަކަށް ހުރީ އިފާޒާ ކަމަށެވެ.

"ނޭނގޭ އެއްޗެހި އޮޅުން ފިލުވައި ދިނުމާއި، ކްލާސް ގަޑިޖެހެން ކައިރިވެއްޖެއްޔާ ޝަހާ ކޮންތާކުހޭ ބުނެ ގުޅަނީވެސް އިފާޒާ. ކިޔެވުމުގެ ކަންކަމުގަޔާއި ދިރިއުޅުމުގެ ތަފާތު ކަންކަން ހިއްސާ ކުރީ ޒަމާން ވީ ދެ ރަހުމަތްތެރިން ފަދައިން"
އިފާޒާގެ އެކުވެރިޔާ

ޝަހާމާ ބުނީ އިފާޒާ މަރުވި ވާހަކަ އޭނާގެ ދައްތަ ބުނުމުން ގަބޫލު ނުކުރެވުނު ކަމަށާއި އެ ހަބަރު އޮތް މެސެޖެއް ދެއްކުމުން އަޑުން އަޑު ނަގާ ރޯން ފެށުނު ކަމަށެވެ.

"ގަބޫލުކުރާކަށް ބޭނުމެއް ނުވޭ. އެހާ އަވަހަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިއީއޭ ބުންޏަސް ގަބޫލުކުރަން ދަތި"
އިފާޒާގެ އެކުވެރިޔާ

ޝަހާމާ ބުނީ 2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓާ ފެށުނު ފަހުން އިފާޒާ މާ މަޑުން ދެރަވެފައި އިންނާތީ އަހާ އޮޅުން ފިލުވަން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އިފާޒާ ބުނަމުން އައީ ކުޑަކޮށް ބަލިވެ އުޅޭ ކަމަށާއި ޑޮކްޓަރަށްވެސް ދައްކާ ކަމަށެވެ.

ޝަހާމާ ބުނީ ޑިސެންބަރު 7، 2021 ވަނަ ދުވަހު ސެމިސްޓާގެ އިމްތިހާނުގެ ދެވަނަ ދުވަހު އިފާޒާގެ ބަލީގެ ވާނުވާ ކިޔައިދިން ކަމަށާއި ކިޑްނީ ފެއިލްވި ވާހަކަ އޭނާ ބުނީ އަދި ރަނގަޅުވާނެ ކަމަށް ބުނެ ކަމަށެވެ. އެއަށް ފަހު އިފާޒާ އާ ބައްދަލު ނުވި ނަމަވެސް ހާލު ބަލާ ކަމަށާއި އަބަދުވެސް "އިންޝާ ﷲ ހަމަ އޯކޭ" އޭ އިފާޒާ ބުނާ ކަމަށް ޝަހާމާ ވަނީ ބުނެފައެވެ.

"އަހަރެން ހިތައް އެރީ ހާދަ ހިތްވަރު ގަދައޭ. ދުއާ ކުރެވެމުން ދިޔައީ އިފާއަށް އަވަސް ޝިފާ އަކަށް އެދި. އިމްތިހާން ނިމި ރަށަށް ދާން ފުރަން އޮތް ދުވަހު މެސެންޖާ އިން ހާލު އަހާލައިފައި އެދުހު ބުނިން. ބަލައިގެން އުޅެއްޗޭ އަދި ހިތްހެޔޮ ކުރައްޗޭ. އަބަދުވެސް ހިތްހެވޭ ބުނެ އަމާން ދަތުރަކަށް އެދެމޭވެސް އިފާ ބުނި"
އިފާޒާގެ އެކުވެރިޔާ

ޝަހާމާ ބުނީ ރަށަށް ދިޔަފަހުން ވެސް ކޮންމެ ހަފްތާއަކު މަދުވެގެން އެއްްފަހަރު އިފާޒާގެ ހާލު ބަލާ ވާހަކަ ދައްކާ ކަމަށާއި އެގޮތުން މިދިޔަ ހޯމަ ދުވަހު ހަވީރު 5:40 ހާއިރު ކޮވިޑް ކޭސްތައް އިތުރު ވާތީ ކޮލެޖު ހުޅުވާނެބާއޭ ކިޔާ ވާހަކަދެއްކި ކަމަށެވެ. އަދި ޝަހާމާ ބަލިވެ އުޅޭ ވާހަކަ ބުނުމުން ކުޑަކަމެއް ކަމަށް ދެކިގެން ޑޮކްޓަރަށް ނުދައްކާ ނުހުންނާށޭ ބުނެ، އިފާޒާ ވަރަށް ނަސޭހަތްވެސް ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު 7:08 ގައި ޝަހާމާގެ އުފަން ދުވަހުގެ ތަހުނިޔާ އިފާޒާ ވައިބާއިން ފޮނުވި ކަމަށާއި ޖަވާބުގައި ޝަހާމާ "ތެންކިޔޫ ލަވް" ބުނި ކަމަށެވެ. އެހެންނަމަވެސް އުފަން ދުވަހުގެ ތަހުނިޔާގެ މެސެޖަކީ އިފާޒާ، ޝަހާމާއަށް ކުރާނެ އެންމެ ފަހު މެސެޖުކަމެއް އަދިވެސް އޭނާއަށް ގަބޫލެއް ނުކުރެވެއެވެ.

"އުފަންދުވަހު ދޫކޮށްފައި ތި ދިޔައީ މި ލޯ ކަރުނައިން ތެންމާލާފަ. މި ހިތް ކުދިކުދި ވެއްޖެ. ކޮލެޖަށް ނައިސް ލަސްވެގެން ގުޅާކަށް ދެން އިފާ ނުހުންނާނެކަން އިނގޭތީ. އެސައިންމަންޓްތައް ޑިއުވެޔޭ ބުނަން ގުޅާކަށްވެސް ދެން އިފާއެއް ނުހުންނާނެ. ކަމެއް ދިމާވުމުން އެކަމެއް ކިޔާދީ ހިއްސާކުރާކަށްވެސް އިފާއެއް ދެން ނުހުންނާނެ. ވައިބާ އިން އަހަރެން ފޮނުވި އެއްމެ ފަހު މެސެޖު އަދިވެސް ސީން ނުކުރޭ. ދެން ނުވެސް ކުރާނެ"
އިފާޒާގެ އެކުވެރިޔާ

ޝަހާމާ ބުނީ ޔުނިވަރސިޓީގެ ދޮރުން ވަންނަ ކޮންމެ ފަހަރަކު އިފާޒާގެ ހަނދާން ވާނެ ކަމަށާއި އޭނާ ދަންދެން ކުލާހަށް ނުވަދެ ބެންޗުގައި އިންނަތަން އަދިވެސް ފެންނަހެން ހީވާނެ ކަމަށާއި ކިރިޔާ ވަގުތުކޮޅެއް ލިބުނަސް ސެލްފީ ނަގައި އުޅުނު ގޮތް އޭނާގެ ހިތަކުން ނުފިލާނެ ކަމަށެވެ. އަދި ކްލާސް ނިންމާ ދެމީހުން ކާން ގޮސް އުޅުނު ގިނަ ރޭރޭ އަދިވެސް އަންނާނެ ނަމައޭ ހިތަށް އަރާ ކަމަށާއި އަބަދުވެސް ކްލާހުގައި ކައިރީގައި އިންނަ އިފާޒާ ނެތުމުން އެ ގޮނޑި ދެން ވަރަށް ފަޅުވާނެ ކަމަށް ޝަހާމާ ވަނީ ބުނެފައެވެ.

"ތިއީ އަހަރެންނަށް ދިމާވި ކުޑަދުވަސްކޮޅެއްގެ އެކުވެރިއަކަށް ވިޔަސް ތިޔަ ހަނދާންތައް އުމުރުދުވަހު ހުންނާނެ"
އިފާޒާގެ އެކުވެރިޔާ

އިފާޒާގެ އެކުވެރިޔާ ވަނީ އޭނާގެ ހެޔޮކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ބުނެފައެވެ. އަދި ކައްވަޅުގެ އަޒާބުން ދިންނަވާ ސުވަރުގެއިން ބައްދަލުވުން އެދި ދުއާ ކުރާނެ ވެސް އޭނާ ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. އަަދި މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 266 އަށް އަރާފައި ވާއިރު އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ހިމެނެއެވެ.