ފ. ނިލަންދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިސްމާއިލް ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، މިނިސްޓާ ޑރ. އަހްމަދު ޒާހިރު އަލީ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މިސްކިތުގެ އަމަލީ މަސައްކަތް ފެބްރުއަރީ 14، 2022 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު 365 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފާ ހުންނާނެ ކަމަށް ބުނެއެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެގިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިސްކިތުގައި ފާހާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ވެސް ހުންނާނެ ކަމަށެވެ.