މި ފެށުނު 2022 ވަނަ މީލާދީ އާ އަހަރުގެ ފުރަތަމަ 2 ހަފުތާގައި، އަވަށްޓެރި ސްރީލަންކާއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރި މަންޒިލްތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޕްރަސައްނާ ރަނަތުންގާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ 2 ހަފުތާގެ ތެރޭގައި، ފަތުރުވެރިންގެ ގޮތުގައި އެ ގައުމަށް، 39172 މީހުން ޒިޔާރަތް ކޮށްފައި ވާ ކަމަށެވެ. ފުރަތަމަ 14 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު، ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތް ކުރީ ރަޝިއާއިން ކަމަށްވެސް ސްރީލަންކާއިން ހަބަރު ދެއެވެ.

ރަޝިއާގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ސްރީލަންކާއަށް ޒިޔާރަތް ކޮށްފައި ވަނީ، އިންޑިއާ، ޔޫކްރައިން، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ޕޯލަންޑް އަދި އެމެރިކާ ފަތުރުވެރިންނެވެ.

ކަން މިހެން އޮތް އިރު، މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅަކަށް ސްރީލަންކާ ވެއްޓިފައި ވާ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ޑޮލަރު ލިބުމުގައި އިންތިހާ ދަތިތަކާ ކުރިމަތިވެ، ޒަރޫރީ ގިނަ މުދާތަކެއް ކޮލަމްބޯ ޕޯޓްގައި ތާށިވެފައި ވާއިރު، ހަކަތަ ގަންނާނެ ޑޮލަރު ނެތުމުގެ ސަބަބުން، ކަރަންޓު ފޯރުކޮށްދޭނެ ހަކަތައިގެ ސަޕްލައި ކަށަވަރު ކުރެވޭނެ މަގުވެސް އެ ގައުމަށް ދަނީ ހަނިވަމުންނެވެ.

ސްރީލަންކާއަކީ، ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އެއް މަންޒިލެވެ. އަދި ބޭސްފަރުވާގެ އިތުރުން ވިޔަފާރިއާއި އެނޫންވެސް އެފަދަ ބޭނުންތަކަށް، ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހިންގެ އަދަދުވެސް މަދު ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ.