ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާފްލެޓުގެ 16 ޓަވަރުގެ ތެރެއިން 8 ޓަވަރަކަށް ކަރަންޓު ދީފި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓް ތަކުގެ ތެރެއިން H8,H7,H6.H5.H4.H3.H2,H1 ފިޔަވާ އެހެން ޓަވަރު ތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާ ކަމަށާއި ބާކީ ހުރި ޓަވަރު ތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ހިޔާފްލެޓް ތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ގެއްލުން ވެފައި ވަނީ އެޗްޑީސީން މަގު ހެދުމަށް ހަވާލު ކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމުގައި އެ ކުންފުނީގެ ދައުރަކީ ސްޓެލްކޯގެ އިންޖީނުގެއިން ކޭބަލެއް ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ސަބްސްޓޭޝަނަކަށް ގެންގޮސް އެ ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.