މިއީ ދާދި ފަހުން އިންޑިއާގައި ހިނގި ކަމަށް، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ހާދިސާއެކެވެ. މިއީ ގުދުރަތީ މަރަކުން މަރުވި ކަމަށް ބުނާ މީހެއްގެ މަރުގެ ފަހަތުގައި އޮތް ސިއްރެއް ހާމަވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

ރަގަވެންދްރާ މަރުވެފައި އޮއްވާ ފެނުނީ، ބެންގަލޫރުގެ ރަށްބޭރު އަވަށެއްގައި، އޭނާ ދިރިއުޅެމުން ދިޔަ ގޭތެރެއިންނެވެ. އެންމެ ފުރަތަމަ ހީކުރެވުނީ، ރަގަވެންދްރާ މަރުވީ އާދައިގެ މަރަކުން ކަމަށެވެ.

ރަގަވެންދްރާގެ އަންހެނުން، ޝިލާޖާ، އޭނާގެ ޅިޔަނަށް ގުޅާ، އަޚުގެ މަރުގެ ހަބަރު ދިނީ މެންދަމުން އަލިވެ، 2 ޖަހާކަން ހާއިރުއެވެ. ރަގަވެންދްރާ މަރުވީ އެޕިލެޕްޓިކް އެޓޭކެއްގައި ކަން އާއިލާއަށް އެނގިއެވެ.

ރަގަވެންދްރާ ވަނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ކަމަށް އޮތީ ކަނޑައަޅާފައެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. ރަގަވެންދްރާގެ މަރާ ގުޅިގެން އޮތް ދީނީ ހަފުލާއެކެވެ. ރަގަވެންދްރާގެ، އުމުރުން 10 އަހަރުގެ ފިރިހެން ދަރިފުޅު، އޭނާގެ ކާފަ، ނަންޖުންދައްޕާއާ ވާހަކަދައްކަމުން ދިޔައެވެ. ބައްޕަ މަރުވި ރޭ، ގޭގައި އިތުރު މީހަކު އުޅުނުކަން އެ ދަރިފުޅުގެ ވާހަކައިން ހާމަވިއެވެ.

ހާދިސާގެ އިތުރު ތަފްސީލު ދެމުން 10 އަހަރުގެ ދަރިފުޅު ބުނީ، އުނދަގޫ ކުރަނިވި އަޑުތަކެއް އިވިގެން އެރޭ ދަންވަރު އޭނާއަށް ހޭލެވުނު ކަމަށެވެ.

ދެން އޭނާއަށް ފެނުނީ، އޭނާގެ މަންމައާއި މައިފުށު މާމަ ވެގެން، ބައްޕަ ބިންމަތީގައި އޮބިއަޅާ ހިފަހައްޓައިގެން އުޅޭ މަންޒަރެވެ. އެހެން ފިރިހެނަކު، ބައްޕަގެ ބޮލުގައި، ރޮށިދަމާ ރޯލަކުން ތަޅަމުން ދިޔަ ކަމަށް އެކުއްޖާ ކިޔައިދިނެވެ.

ބައްޕަގެ ގައިގައި ތަޅަނީ ކީއްވެތޯ އެވަގުތު ސުވާލު ކުރުމުން، އެ ފިރިހެން މީހާ، ދަރިފުޅު ގައިގައިވެސް ޖެހި ކަމަށާ، "އަނގަ ހިމޭނުންލައިގެން" ނުހުރެއްޖެނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް އެ ކުއްޖާ ކިޔައިދިނެވެ. އެހެންވެ، ގަތް ބިރުން އިތުރު ވާހަކައެއް ނުދައްކާ، ނިދަން ދިޔައީ ކަމަށް އެކުއްޖާއާ ހަވާލާދީ، އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

10 އަހަރުގެ ދަރިފުޅުގެ އިއުތިރާފަށް ބިނާކޮށް، ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކުއްޖާގެ މަންމައާއި މާމަ ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ވަނީ މި ހާދިސާ ތަހުގީގު ކޮށްފައެވެ. ތަހުގީގަށް އެނގިފައި ވާ ގޮތުގައި ރަގަވެންދްރާ ގައިގައި ތަޅަމުން ދިޔަ ހަނުމަންތާއަކީ ޝިލާޖާއާ އެކުގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ ލޯބިވެރިޔާއެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން، ރަގަވެންދްރާ މަރާލުމަށް، 2 މީހުން ރޭވި ކަމަށް، ޝިލާޖާ ވަނީ އިއުތިރާފްވެފައެވެ.